ފުރަތަމަ ކަމަކީ މައިންގެ އަނގައަށް ލަވައިގެން ކާންދިނުމުގެ ފުރުޞަތު ލިބެނީ ވަރަށް މަދު ދަރިއަކަށެވެ. އެއީ ހުރިހާ މައިންނަށް ކޮށްދޭންޖެހޭ ކަމަކަށްނުވާތީއެވެ. ޚާއްޞަ ޙާލަތެއް މެދުވެރިނުވާނަމަ މުސްކުޅި ޢުމުރުގައިވެސް އަމިއްލައަށް ކައިބޮއިހަދާތީއެވެ.
ވިސްނައިލާށެވެ! ތިބާއަށް އަމިއްލައަށް ކާންފެށުނީ މަންމަ ކިތައްފަހަރު ތިބާގެ އަނގައަށް ލަވައިގެން ކާންދިން ފަހުން ހެއްޔެވެ؟ އަދި ތިބާއަށް އަމިއްލައަށް ކާންދަސްކޮށްދިނީ މަންމަ ނޫންހެއްޔެވެ؟
ދެން އޮތީވެސް ވިސްނަންޖެހޭނެ ކަމެކެވެ. މުސްކުޅި ޢުމުރުގައި ނުވަތަ ބަލިވެއުޅޭނަމަ އަމިއްލައަށް ކަނިކޮށް ގައަށް އެޅިދާނެއެވެ. ފޭރާން ނުވަތަ މޭޒުމަތިވެސް ހަޑިވެދާނެއެވެ. އެޙާލަތުގައިވެސް ރުޅިއައިސް ބަހެއް ނުބުނެ އަވަހަށް ތާހިރުކޮށްލައިދޭށެވެ. ތިބާ ފުރަތަމަ ކައިއުޅުނުއިރު ގައަށް އެޅުމުން މަންމަ ތާހިރުކޮށްދިން ފަދައިންނެވެ.
ލޮބުވެތި ދަރިންނޭވެ! މައިންނަށް ޚިދުމަތްކުރަން ލިބޭ ކޮންމެ ފުރުޞަތަކީ އެންމެ އަގުހުރި ފުރުޞަތެވެ. އެންމެ ފައިދާހުރި ފުރުޞަތެވެ. އެހެނީ އެފުރުޞަތުގެ ސަބަބުން ތިބާއަށް ސުވަރުގެ ލިބުމުގެ ފުރުޞަތު ބޮޑުތަނުން އިތުރުވާތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން