ވަރަށް އާންމު ކަމެއް ފާހަގަކޮށްލާނަމެވެ.
ދެއެކުވެރިއަކު ބައްދަލުވީއެވެ. އެކެއްގެ ސިފައަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފަލަމީހަކު ހިކުނީއެވެ. ކަޅު މީހެއްގެ ގައިގެ ކުލަ އަލިވެފައެވެ. މިހާލަތުގައި "މިހާރު ތިބާ ހާދަ ރީއްޗޭ" ނުވަތަ "މާރީއްޗޭ" ބުނެ ނިންމައިލައެވެ.
އެގޮތަށް އެކަން ނުކުރާށެވެ! އޭނާއަށް ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރާށެވެ. އެންމެ ކުޑަމިނުން بارك الله فيك މިފަދަ ދުޢާއެއް ކުރާށެވެ. ނޫންނަމަ އެސްފީނާ ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
މިހެން ބުނީމާ "އަހުރެން ޙަސަދަވެރިއެއް ނުވަމޭ، ހިތްސާފޭ" އެބަބުނެއެވެ. އެއީ ހިތް ސާފުވިނަމަވެސް މެދުވެރިވާ ކަމެކެވެ. ޞަޙާބީންނަކީ ހިތްޕުޅުގައި ޙަސަދަވެރިކަމެއް ނުލައްވަވާ އެންމެ ހިތްޕުޅު ސާފު ބޭކަލުންނެވެ. އެހެންކަމާއިއެކުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް މިފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.
ވީމާ އަހުރެންގެ މިނަޞީޙަތް ޤަބޫލުކުރާށެވެ! ޤަޞްދު ނެތިވެސް މިބަޔާންކުރި ޙާލަތު ކުރިމަތިވެއެވެ. ވީމާ މީހެއްގެ ރީތިކަމަށް ނުވަތަ އެހެން ކަމަކަށް ތައްރީފްކުރިނަމަވެސް ވިއްދައިގެން އޭނާއަށް ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން