ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމްދީނުގައި ފައިސާ ހޯދުމާއި، ތިބާގެ ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި މަސައްކަތް ކުރަންޖެހޭނެއެވެ. ނަމަވެސް އަހަރެމެންގެ ވަގުތުން ކުރާ ކަންކަމަށް އިސްކަންދޭން ދަސްކުރަންޖެހެއެވެ. އަދި އަހަރެމެން މިތާ މިތިބީ ކީއްވެގެންކަމާއި، އަހަރެމެން ދިރިއުޅުމުގެ މަގުސަދު ދަންނަންޖެހެއެވެ.
އިސްރާފާއި ތަބްޛީރު:
ފުރަތަމަ ކަމަކީ، އިސްރާފު ނުކުރުމެވެ. އިސްރާފަކީ ކޮބައި ހެއްޔެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:
إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿٣١﴾
މާނައީ: "ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. (31)"
އަދި އިސްރާ ސޫރަތުގެ 26 އަދި 27 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:
وَلَا تُبَذِّرْ تَبْذِيرًا ﴿٢٦﴾ إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ
މާނައީ: "އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ! (26) ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخ ން ކަމުގައިވޫއެވެ."
"އަތްނުފޯރާ މިންވަރު" ބުނާ މާނައަކީ ކޮބައިކަން ވިސްނައިދެމާ ހިންގަވާށެވެ. މިސާލަކަށް ތިބާއީ ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ފިރިއެއްގެ ހައިސިއްޔަތުން އަނބިމީހާއަށް މާލީ ގޮތުން ދޭންޖެހޭ ޙައްޤުތަކެއްވެއެވެ. ދަރިން ތިބިނަމަ، އެކުދިންނަށް ދޭންޖެހޭ މާލީ ޙައްޤުތަކެއްވެއެވެ. ތިބާއީ މައެއްނަމަ، ދަރިންނަށްޓަކައި ހޭދަކުރަންޖެހޭ ވަގުތުތަކެއްވެއެވެ. ހަމައެފަދައިން ފިރިމީހާއަށްޓަކައިވެސް ވަގުތު ދޭންޖެހެއެވެ. މައިންބަފައިން ތިބިނަމަ، އެމީހުންނަށްވެސް ދޭންޖެހޭ ވަގުތުކޮޅެއްވެއެވެ. ތިބާގެ ސިއްހަތާއި ހަށިގަނޑަށްޓަކައިވެސް ވަގުތު ބޭނުންވެއެވެ. ވަޒީފާއަށް ދިޔުމަށް ނުވަތަ ދަތުރުފަތުރާއި، ކާބޯތަކެއްޗަށްވެސް ބޭނުންވެއެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން، އެއް ދާއިރާއަކަށް މާބޮޑަށް ތިބާ ހޭދަކުރަން ފަށައި، އޭގެ ސަބަބުން އަނެއް ވާޖިބު (މަސްއޫލިއްޔަތު) އިހުމާލުވާން ފަށައިފިނަމަ، އެ ކުރެވުނު ކަމަކަށް ކިޔަނީ އިސްރާފެވެ. އެހެންކަމުން މިއީ ނިސްބަތްވާ ކަމެކެވެ. ވަރަށް މުއްސަނދި މީހުން އުޅެދާނެއެވެ. އެމީހުންގެ އަތުގައި ފައިސާ ހުރުމުން ތިޔަބައިމީހުންނާއި އަހަރެންނަށްވުރެ އަގުބޮޑު އެއްޗެހި ގަނެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ އެމީހުންނަށް އެކަން ކުރެވޭނެ ތަނަވަސްކަން ހުރުމާއެކު، އެމީހުންގެ އެހެން މަސްއޫލިއްޔަތުތައްވެސް ފުރިހަމައަށް އަދާކުރެވޭތީއެވެ. އެއަކަށް އިސްރާފެކޭ ނުކިޔާނެއެވެ. ނަމަވެސް ހުރިހާ ކަމަކަށް ތަނަވަސްކަން ނެތް މީހުން، އެމީހުންގެ މުދަލާއި، ވަގުތާއި، ވަސީލަތްތައް މެނޭޖްކުރަން (ބަލަހައްޓަން) ޖެހޭނެއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
- މިއަދުނޫސް