ރާއްޖޭގައި ފަރުވާ ކުރެވޭ ބަލިތަކަށްވެސް އާސަންދައިގެ އެހީގައި ބޭރަށް ދެވޭނެ: މުންދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރާއްޖޭގައި ފަރުވާ ކުރެވޭ ބަލިތަކަށްވެސް އާސަންދައިގެ އެހީގައި ބޭރަށް ދެވޭނެ: މުންދު

ރާއްޖޭގައި ފަރުވާ ކުރެވެން ހުންނަ ބަލިތަކަށްވެސް، ބައެއް ހާލަތްތަކުގައި އާސަންދައިގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދިއުމުގެ ފުރުސަތު މިހާރުވެސް އޮންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރުޖަމާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ "ޕްރެސް ވިތު ދަ ސްޕޯކްސް" ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުންދު ވިދާޅުވީ، އާސަންދަ ނިޒާމަށް ގެނެވުނު މައިގަނޑު ބަދަލަކީ މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންދިޔަ ސިއްހީ ފަރުވާއާ ގުޅުންހުރި ވަރަށް ގިނަ އެހީތައް އާސަންދަ ނިޒާމުގެ ތެރެއަށް ބަދަލުކުރުން ކަމަށެވެ. ކުރިން އެންސްޕާއިން ދެމުންދިޔަ ސިއްހީ އެހީތައް އާސަންދައިގެ ދަށަށް ބަދަލުވުމުން، ހިދުމަތްތައް ހިންގުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން މުންދު ވިދާޅުވީ، ރާއްޖޭގައި ލިބެން ހުންނަ ފަރުވާތަކަށް ބޭރަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިއަދު އަލަށް ފެށި ކަމެއް ނޫން ކަމަށެވެ. މީގެ ކުރިންވެސް ބައެއް ހާލަތްތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި ފަރުވާ ހުރި ނަމަވެސް ވެލްފެޔާ އެހީގެ ދަށުން ބޭރަށް ދިއުމަށް އެންސްޕާއިން އެހީތެރިކަން ދެމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިންވެސް ކުރާ ކަމެއް މީ. ކުރީގައިވެސް ރާއްޖޭގައި ލިބޭ ފަރުވާތަކުގެ ތެރެއިން ބައެއް ހާލަތްތަކުގައި ބޭރުން އެއަށް ވެލްފެޔާ އެހީ ލިބޭ. ކުރީގައި ލިބެނީ އެންސްޕާއިން، މިހާރު އެ ބަދަލުވީ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތަކީ އެއީ،" މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، ކުރިން ބޭރަށް ފަރުވާއަށްދާ މީހުން ގިނަ ފަހަރު ފަރުވާ ފުރިހަމަ ކުރަނީ އާސަންދައާއި އެންސްޕާ، މި ދެ ފަރާތަށްވެސް ހުށަހަޅައިގެން ލިބޭ އެހީގެ އެހީގައެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ސިއްހީ ހުރިހާ އެހީތަކެއް އާސަންދައިގެ ދަށުން ހަމަޖެހިގެން ދިއުން ކަމަށާއި، އޭރުން އެ މަސައްކަތްތައް މާ ހަރުދަނާކޮށް ބެލެހެއްޓި (އެންފޯސް ކުރެވި) ކަންކަން ހަމަ މަގަށް އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން