ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެހާ ފަރާތްތަކުގެ ޒިންމާއެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެހާ ފަރާތްތަކުގެ ޒިންމާއެއް: މެޑަމް ސާޖިދާ

ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއް އޮންނަކަމަށާއި، އެކަން ކަށަވަރުކުރުމަކީ އެންމެހާ ފަރާތްތަކުގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އެގޮތުން ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ކާބޯތަކެތި ބޭނުންކުރާ ޢާންމު ރައްޔިތުންވެސް މިކަމަށް ސަމާލުކަން ދޭންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިގޮތުގައި އުފައްދާ، ތައްޔާރުކޮށް އަދި ރައްކާކުރެވިފައި ހުންނަ ތަކެތިކަން ކަށަވަރުކުރުމުގެ މުހިންމުކަން އެކަމަނާ ބަޔާންކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވި ގޮތުގައި، ކެއުމަށް ބޭނުންކުރާ ތަކެއްޗަކީ ތަޣައްޔަރުވެފައިވާ ނުވަތަ ޞިއްޙަތަށް ގެއްލުންވާ ފަދަ ތަކެތި ނޫންކަން ކަށަވަރުކުރުމުގައި ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއް އޮވެއެވެ. ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަޤްބަލެއް ބިނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް އެކަމަށް އެހީތެރިވެގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކާބޯތަކެތިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައެވެ.

މިއަދު އޮންލައިން