ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލެބޯޓަރީތަކުގެ ޤާބިލްކަން އިތުރުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލެބޯޓަރީތަކުގެ ޤާބިލްކަން އިތުރުކުރަނީ

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ލެބޯޓަރީތަކުގެ ޤާބިލްކަން އިތުރުކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް ޞިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫގައި ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޤީލާ ޢަލީ ވިދާޅުވީ، ރާއްޖެއަކީ ކާބޯތަކެތި އިމްޕޯޓްކުރުމަށް ބޮޑުތަނުން ބަރޯސާވާ ޤައުމަކަށްވާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކަށް މިތަކެތި ފޯރުވައިދިނުމަކީ މިހާރު ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރައްޔިތުން ކެއުމަށް ބޭނުންކުރާ ކޮންމެ އެއްޗަކީ ރައްކާތެރި އަދި ފެންވަރު ހުރި އެއްޗަކަށް ވާންޖެހޭނެކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކާބޯތަކެތީގެ ނުރައްކާތައް މޮނިޓަރކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން ކަމަށެވެ. މި މަސައްކަތުގެ ދަށުން، 23 މެއި 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" ތަސްދީގުކޮށްދެއްވުމަކީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރާއްޖޭގެ ނިޒާމް ފެއްތުމަށް އެޅުނު ވަރުގަދަ ބިންގަލެއް،" ޤީލާ ޢަލީ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޞިއްޙީ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތްކުރާނެ އިންތިޒާމުތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ މަރުޙަލާތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، މިކަމަށް އާންމުން ހޭލުންތެރިކުރުވުމަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ސަގާފަތެއް ގޭބިސީތަކުން ފެށިގެން ބިނާކުރަންޖެހޭކަން ފާހަގަކުރައްވައި، ކުރިމަގުގައި ޒަމާނީ ޑިޖިޓަލް ނިޒާމްތަކުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވުޒާރާގެ ތަސައްވުރުކަމަށް ޤީލާ ޢަލީ ވިދާޅުވިއެވެ.

މިއަދު އޮންލައިން