ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުނީގެ މައްސަލަ ހައްލުކުރުމަށް ވަޒީރު ޝިޔާމް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުނީގެ މައްސަލަ ހައްލުކުރުމަށް ވަޒީރު ޝިޔާމް ގޮވާލައްވައިފި

ހޭލުންތެރިކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުނީގެ މައްސަލަ ހައްލުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގެ ތެރެއިން ބޭއްވި މަތީ ފަންތީގެ މިނިސްޓީރިއަލް ޕެނަލްގައި ވާހަކަދައްކަވަމުންނެވެ.

މި ޕެނަލްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އުފެއްދުންތައް ބޭކާރުވުން މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާތައް ކުރިއެރުވުމަށްޓަކައި ވެލިއު ޗެއިންގެ ހަރުދަނާކަން އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީޑިއާ

ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރަށްތައް ވަކިވަކިން އޮތުމާއި، ލޮޖިސްޓިކްސްގެ ދަތިތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އީޖާދީ އަދި ރާއްޖެ ފަދަ ޤައުމުތަކާ ގުޅޭ ޚާއްޞަ ހައްލުތަކެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުނި މަދުކުރުމާއި އުފެއްދުންތައް ބޭކާރުވުން ހުއްޓުވުމަށްޓަކައި ސަރުކާރާއި، އަމިއްލަ ސެކްޓަރާއި، ދިރާސާކުރާ އިދާރާތަކުގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. "މިފަދަ އެއްބާރުލުމަކީ ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިޤްތިޞާދީ ދެމެހެއްޓެނިވި ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކާނާ ފޯރުކޮށްދޭ ނިޒާމުތައް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ޝިޔާމް ވަނީ މި ފޯރަމްގައި ދެއްވާފައެވެ.

މިއަދު އޮންލައިން