ވަރިކުރުމުގެ ޤަޞްދު ނެތި ކަންކަމާއި ވަރިއާއި ނުއަޅުވާށެވެ! އެއީ އަނބިމީހާ އާއި ވަރިޙަވާލުކުރުން ފަދަ ކަމެކެވެ. ވަކިކަމަކާއި އަޅުވައި އަނބިމީހާ އާއި ވަރިޙަވާލުކުރުމަށްފަހު އެބަސް އަނބުރައި ނުގެންނަހައި ހިނދަކު އެބާރު އެވަނީ ފިރިމީހާއަށް ގެއްލިފައެވެ. އެބާރު އެއޮތީ އަނބިމީހާގެ އަތުގައެވެ.
މިޘާލަކަށް ވަކިމީހަކަށް މެސެޖްކޮށްފިއްޔާ ނުވަތަ ވަކިމީހަކާ އަނގައިން ބުނެފިނަމަ ވަރިވާނެކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އެމީހަކަށް މެސެޖްކޮށްފިނަމަ، އަދި އަނގައިންބުނެފިނަމަ ވަރިވާނެއެވެ. އެވަރި ވާނީ ހަމަ ޞައްޙަ ވަރިއަކަށެވެ.
މިޙާލަތަށް ބަލައިފިނަމަ އެމީހަކަށް މެސެޖްކޮށްގެން ވަރިވުމުގެ އިޚްތިޔާރު އަނބިމީހާއަށް ދެވެނީއެވެ. އެއީ ޢަމަލުކުރަން ރަނގަޅުގޮތެއް ނޫނެވެ. ވަރިކުރުން ބާއްވަންޖެހޭނީ އެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނުމުން ދެން ކުރާ (އެންމެފަހު) ކަންތަކުގެ ގޮތުގައެވެ. އަދި އެކަމުގެ ބާރު އަބަދުވެސް ބާއްވަންޖެހޭނީ ތިމާގެ އަތުގައެވެ!
އަނބިން އިޞްލާޙްކުރަން ދައްކަންވީ ވަރީގެ ބިރެއް ނޫނެވެ. ވަރީގެ ބިރުދެއްކުމަކީ ބިރުކެނޑޭނެ ކަމެކެވެ. އެހެންވެ އެންމެ ބުއްދިވެރި ގޮތަކީ ވަރިކުރުމުގެ ވާހަކަ ނުދެއްކުމެވެ. އެއީ ދެން އެހެން ގޮތެއް ނެތުމުން ކުރާ ކަންތައް ކަމުގައި ހެދުމެވެ. ނަމަވެސް ބައެއް މީހުންނަށް ޢަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ކިތަންމެ ކުޑަކުޑަ ކަމަކާއި ހިތްހަމަނުޖެހުނަސް ދެއްކެނީ ވަރީގެ ވާހަކައެވެ. އެނުބައި އާދަދޫކޮށްލާށެވެ!
އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އަނބިމީހާއަށް ބިރުދެއްކުމުގެ ބޭނުމުގައި އަނބިމީހާ އެކަން ނުކުރާނެކަމަށް ބަލައި އަނބިމިހާއާއި ވަރި ޙަވާލުކޮސްފައިވަނިކޮށް އަނބިމީހާ އެކަމެއް ކުރުމުން "އެއީ އެހެން ބުނި ވާހަކައެއް" ނޫންކަމަށްބުނެ ކައިވެނި ނުރޫޅޭކަމަށް ހަދަންވެސް އުޅެއެވެ. އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. އޮންނާނީ ރުޖޫޢަކުރުމެވެ. ނުވަތަ އަލުން ކައިވެނިކުރުމެވެ. އެއީ އެޅުނު ފަށަކަށްވެސްވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން