އަހުރެންނަކީ އެހާ ރަނގަޅު ދިރިއުޅުމެއް އުޅެމުން އައި މީހަކީމެއް ނޫނެވެ. މައިންބަފައިންގެ ކިބައިން ތަނަވަސްކަން ލިބުމުން ހިތަށް އެރިހައި ކަމަށް ޚަރަދުކޮށް އުފާކުރަމުން އައި މީހަކީމެވެ. އަހުރެން މިކިޔައިދެނީ އަހުރެންގެ އެއާވާރާ ދިރިއުޅުން ބަދަލުވި ސަބަބުގެ ވާހަކައެވެ.
ރޭގަނޑުގެ 8 ޖަހާ އެހައިކަންހާއިރެވެ. އެކުވެރިއަކު ގެއަށް އައީ 19 އަހަރުގެ ވަރަށް ރީތި އަންހެން ކުއްޖަކު ގޮވައިގެންނެވެ. އައިސް ބުނީ މިއީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެއް ކަމަށެވެ. މައިންބަފައިން މަރުވެފައިވާ ކަމަށާއި ބަލަނީ މުސްކުޅި މާމަކަމަށެވެ. މައްސަލައަކަށްވެގެން މިއުޅެނީ ކޮލެޖަށް ދައްކަންޖެހޭ ފީ ނުދެއްކިގެން އިމްތިޙާނު ހެދެން ނެތުމުން ކަމަށެވެ. އެެހން ބުނެފައި އެކުވެރިޔާ ނުކުމެގެން ދިއައީއެވެ. އެދިން މެސެޖު ވިސްނުނެވެ.
އަހުރެން އެކުއްޖާއާއި ވާހަކަދައްކަންފެށީމެވެ. ފުރަތަމަ މަސައްކަތްކުރީ އެކުއްޖާގެ ޙާލަތު އޮޅުންފުލުވާށެވެ. ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން އިނދެގެންނެވެ. އެެހެން އިނދެފައި މޫނަށް ބަލައިލެވުނުއިރު ބޯމަތިން އަލިގުޅައެއް ފަދަ އެއްޗެއް ފެނުނެވެ.
އެއީ ހީވި ގޮތްކަމަށް ބަލައި އަނެއްކާވެސް އިރުކޮޅަކު އިސްދަށަށް ޖަހައިގެން އިނދެފައި އިސްއުފުލައިލުމުން ހަމައެއަލިގުޅަ ފެނުނެވެ. އެކަން 3 ފަހަރު ދިމާވުމުން ވަރަށް ބިރުގަތެވެ. ދެން ސުވާލުކުރީ އޭނާގެ އުޅުމާއިބެހޭ ގޮތުންނެވެ. އަޑު އަހައިލުމުން ދިއައީ ސިއްސައިގެންނެވެ. އެއީ އެޢުމުރުގައިވެސް ސުންނަތް ނަމާދުތައްކޮށް، ސުންނަތް ރޯދަވެސް ހިފައި އަދި ރޭއަޅުކަންވެސްކުރާތީއެވެ.
އަހުރެން ބުނީމެވެ. "އެނބުރި ގެއަށްދާށެވެ. ގެއަށް ގޮސްފައި އެކައުންޓް ނަންބަރު ފޮނުވާށެވެ. ދެންވެސް ކަމަކު ބޭނުންވެއްޖިއްޔާ މެސެޖުކޮށްލާށެވެ. މިއީ ދޮށީ ބޭބެ ކަމަށް ޤަބޫލުކުރާށެވެ. އިމްތިޙާނު ނިމުމުން އަންގައިލާށެވެ. މާމައާއި ރައްޓެހިވާން ދާނަމެވެ."
އޭނާ އަހުރެންނަށް ޝުކުރުއަދާކޮށްފައި ގެއިން ނުކުންނަން ހިނގައިގަތުމުން ހަމަ އެއަލިގުޅަ އޭނާގެ ބޯމަތިން ފެނުނެވެ. ދޮރުން ނުކުތްތަނާ އެއަލިގުޅަ އެނބުރި ގެއަށްވަންތަން ފެނުނެވެ. ދެން ގެއްލިއްޖެއެވެ. ފަހަކުން ނުފެނެއެވެ. ވިސްނަވިސްނާފައި ނިންމީ އެއީ ހަމަ ހީވި ގޮތެއް ކަމަށެވެ.
ކޮންމެއަކަސް އެޙާދިށާ ވެގެންދިއައީ އަހުރެންގެ ޙަޔާތް ބަދަލުވެގެންދިއަ ޙާދިސާއަކަށެވެ. އެއިގެ ފަހަކުން އެއްވެސް ގޯސްކަމެއް ކުރާހިތެއް ނުވިއެވެ. ހިތަށް އެރިޔަސް ހުރެވެނީ ފާޑަކަށް ބިރުންނެވެ. ހީވަނީ އެއަލިގުޅަ ފެންނަހެންނެވެ.
އެދެމައިންނަށް އެހީތެރިވީމެވެ. މަންމައަކަށް ހިތާހިތުން މާމައަށް ހިތީމެވެ. އެހިސާބުން އައީ މާބޮޑު ބަދަލެކެވެ. އެކުއްޖާފަދަ ތަޤްވާވެރިއަކަށްވާހިތްވެ ކުރިން ހުކުރަށްވެސް ނުދާމީހާއަށް ނަމާދަށްދާ ހިތްވާންފެށީއެވެ. ސުންނަތް ރޯދަހިފާހިތްވެސްވީއެވެ.
އެހިސާބުން އެއްދުވަހަކު އޭނާއާއި ސުވާލެއް ކުރީމެވެ. "ތިއަހާ ތަްްވާވެރިކޮށް އުޅެމުންވެސް އެރޭ ފައިސާ ހޯދަން ދިއައީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ބުނީ އެއީ ކޮލެޖުގެ ކުއްޖެއްގެ ބޭބެ ކަމަށާއި ނުބައި އެއްވެސް ކަމެއް ކުރަންޖެހޭނެކަމަށް ނުބުނާކަމަށެވެ. ބުނީ ފީދައްކަން އެހީތެރިވެދޭނެ އޭނާގެ އެކުވެރިއަކާއި ބައްދަލުކުރުވަނީ ކަމަށެވެ. ނުބައި ވާހަކައެއް ދެކެވުނުނަމަވެސް ނުކުމެގެން އަންނާނެ ކަމަށެވެ.
އެއިގެ 4 އަހަރުފަހުން އަހުރެމެން މިތިބީ ކައިވެނިކޮށްގެންނެވެ. ޢުމުރުގެ ތަފާތު 10 އަހަރެވެ. އެހެންކަމާއިއެކުވެސް އަނބިމީހާގެ ކިބައިން އަހުރެން ހިތްނުރުހޭ އެއްވެސް ކަމެއް ނުފެނެއެވެ. ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. ކައިވެންޏަށްފަހު ބައްޕަގެ އެހީތެރިކަމާއިއެކު ކުޑަގޮތަކަށް ފެށި ވިޔަފާރި މިއަދު އެވަނީ ބޮޑު ވިޔަފާރިއަކަށްވެފައެވެ. އެންމެ އުފާވަނީ ތަޤްވާވެރި ދިރިއުޅުމެއް އުޅެވޭތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ