ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ވިސްނަންޖެހޭނެ ކަމެއް އޮންނާނެއެވެ. އެކަމަކީ ތިމާއަށް ދެރަވާނެ ނުވަތަ ހިތްދަތިކަން ލިބޭނެ ކަންކަން ކުރަނީ ތިމާ ނުދަންނަ ދުރުބައަކު ނޫންކަމެވެ. އެކަންކަން ކުރަނީ ތިމާ ދަންނަ އަދި ކޮންމެވެސް ގޮތަކުން ގުޅުން ހުރި މީހުން ކަމެވެ.
މިބުނެވުނީ ޢާންމު ގޮތެއްގައި ކަންކަން ހިނގަމުން އަންނަ ގޮތެވެ. ތިމާ ނުދަންނަ މީހަކު، ތިމާގެ ޙަޤީޤަތް ނުއެނގޭ މީހަކު ތިބާއަށް ގެއްލުމެއް ނުވަތަ ހިތްދަތިކަމެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އޭނާއަށް ތިބާ ނުވަތަ ތިބާގެ ދިރިއުޅުމުގެ ސަބަބުން ކުރާނެ އެއްވެސް އަސަރެއް ނެތުމުންނެވެ.
ކޮންމެ މީހަކުވެސް އަނެކާއަށް ގެއްލުމެއް ނުވަތަ ހިތްދަތިކަން ލިބޭނެ ކަމެއް ކުރަން ބޭނުންވާނީ ތިބާގެ ދިރިއުޅުމާއިމެދު އަސަރުކުރުމުންނެވެ. ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޙަސަދަވެރިވެވުމުންނެވެ.
ޙަސަދަވެރިކަމަކީ އިންސާނާގެ އެންމެ ބޮޑު ބަލިފައެވެ. ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެން ދިއުމަށް އޮންނަ އެންމެ ބޮޑު އެއް ސަބަބުވެސްމެއެވެ. ތިމާކުރާ ހެޔޮ ޢަމަލުތައް ނެތިކޮށްލާ އެންމެ ބޮޑު އެއް ސަބަބުވެސްމެއެވެ. ޙަދީޘްފުޅުގައި އޮތީ ޙަސަދަވެރިކަމަކީ އަލިފާން ދަރު އަންދާ ފަދައިން އެމީހަކު ކުރާ ހެޔޮ ޢަމަލުތައް ނެތިކޮށްލާނެ ސަބަބެއް ކަމަށެވެ. އެކަން އެނގިތިބެސް ޙަސަދަވެރިވެވޭކަން އެއީ ކުރެވޭ ކިހައި ބޮޑު ނުބައިކަމެއް ކަމާއިމެދު ވިސްނައިވެސް ނުލާ މީހުން ވަރަށް ގިނައެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
އެންމެން އެއްގޮތެއް ނުވާނެއެވެ. ނަމަވެސް ގެއްލުމެއް ނުވަތަ ހިތްދަތިކަމެއް ދެވޭނެ ކިތަންމެ ހަނި ފުރުޞަތެއް ލިބުނަސް ގިނައީ ގެއްލުމާއި ހިތްދަތިކަންދޭ މީހުންނެވެ. އެކަން ނުކުރާނީ ކާކުކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ވީމާ ބުއްދިވެރި ގޮތަކީ އަބަދުވެސް އެކަންކަމަށް ވިސްނައި ސަމާލުކަން ދިނުމެވެ.
ރައްކައުތެރިކަން ލިބިގަންނަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ ތިމާއަށް ރައްކައުތެރިކަން ދެއްވަވާނެ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމާއިއެކު 2 އިރުގެ ޛިކުރުތައް ކިޔުންމަތީގައި ޘާބިތުވެހުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން