އެއީ ވަރަށް ފަޤީރު ދެމަފިރިންނެވެ. ލިބުނީ އެންމެ ދަރިއެކެވެ. އެއީ ފިރިހެންދަރިއެކެވެ. ރަށުސްކޫލުން ކިޔަވައިދިނުމަށްފަހު މާލެ ފޮނުވައި ގެއެއްގައި ބަހައްޓައިގެން ކިޔަވައިދިނެވެ. ދެމަފިރިން ވަރަށް ދަތިޙާލުގައި އުޅެމުންވެސް ދަރިފުޅަށް ކިޔަވައިދޭން ޚަރަދުކުރިއެވެ.
ދަރިފުޅު ކިޔަވައި ނިންމިތަނުން ރަނގަޅު ވަޒިފާއެއް ލިބުމުން މައިންބަފައިންގެ މަތިން ހަނދާން ނެތުނެވެ. ގުޅައި ޙާލުވެސް ބަލައިނުލައެވެ. ދުވަސްކޮޅެއްފަހުން ބައްޕަ ނިޔާވީމާ އެކަނި ވަރަށް ނިކަމެތިޙާލުގައި އުޅެމުންދަނިކޮށް ބަލިވެ ދެން ގޮތެއް ނެތުމުން ދޯންޏަކަށް އަރައިގެން މާލެ އައިސް ދަރިފުޅާއި ބައްދަލުކުރިއެވެ.
ދަރިފުޅު ބުނީ ލިބެނީ ވަރަށް ކުޑަ މުސާރައެއް ކަމަށެވެ. އެހެންކަމުން މާލޭގައި ބައިންދައިގެން މަންމަ ބަލައިދެވެން ނެތް ކަމަށެވެ. އެކަމަކު އޭނާއަށް މަހަކު 30،000 ރުފިޔާގެ މުސާރައެއް ލިބެއެވެ. އައިޖީއެމްއެޗަށް ގެންގޮސް އާދައިގެ ޑޮކްޓަރަކަށް ދައްކާލާފައި ހަމަ އެދޯނިން ރަށަށް ފުރުވައިލީއެވެ. އެއިރުވެސް އޭނާގެ އެކައުންޓުގައި ދެލައްކައަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ.
ޖެހިގެން އައިދުވަހު ކޭޝްކާޑުން ފައިސާ ނަގަން ބެލިއިރު އެކައުންޓުގައި ބާކީހުރީ އެންމެ 100 ރުފިޔާއެވެ. ވީގޮތް ބެލިއިރު ފޯނަށްއައި ފޭކްމެސެޖެއްގައި އިން ލިންކަކަށް ފިތައިލެވުމުން އެކައުންޓުން ފައިސާ ވަގަށް ނަގަން ފުރުޞަތު ލިބުނީއެވެ. އެއީ އޭނާގެ އިހުމާލުން ހިނގާފައޮި އޮތްކަމަކަށްވުމުން ބޭންކުން އެއްވެސް ޒިންމާއެއް ނުނެގިއެވެ.
އެހެންގޮތެއް ނެތިގެން ލުއިލޯނެއް ނަގައިގެން އުޅެންފެށިތަނާ އޮފީހުގައި ހިނގިކަމަކާއި ގުޅިގެން ވަޒިފާއިން ވަކިކޮށްފިއެވެ. ފައިސާ ލިބެންހުރި ހުރިހާ ދޮރެއް ބަންދުވީއެވެ. ނިކަމެތިވެ ޙާލުގައި ޖެހުނީއެވެ.
މިކަންކަން ހިނގުމުން އޭނާގެ ޙަޤީޤަތް އެނގޭ އެކުވެރިއަކު ބުންޏެވެ. "އެކުވެރިޔާއެވެ! ތިއަ ކުރިމަތިވީ ކަލެއަށް ޙައްޤު ކަންކަމެވެ. ތަނަވަސްކަންހުރެމެ މަންމައާއިމެދު ކަންކަން ކުރެވުނު ގޮތް ވިސްނައިލާށެވެ. ފުރަތަމަ ކަމަކަށް މަންމަމެން އެހައި ނިކަމެތިކޮށް އުޅެމުންވެސް ކިޔަވައިދިނީމާ އެމީހުންގެ މަތިން ހަނދާން ނައްތައިލީއެވެ. ދެވަނަ ކަމަކަށް މަންމަ ބަލިވެގެން އައުމުން ބޮޑެތި ދޮގުތަކެއް ހަދާފައި ބޭސްވެސް ކޮށްނުދީ މަންމަ ފުރުވައިލީއެވެ. ކަލެއަސް ލިބޭ މުސާރައާއި އަތުގައި ފައިސާހުރިވަރު މަންމައަށް އޮޅުވައިލެވުނަސް ﷲ ދެނެވޮޑިގެންވެއެވެ. ދެންވެސް އަވަހަށް މަންމަގެ ކިބައިން މާފަށް އެދޭށެވެ. މަންމައަށް ހެޔޮކޮށް ކަންކަންކުރާށެވެ! ތައުބާވާށެވެ! ރަނގަޅު ގޮތެއް މެދުވެރިވާނީ އެއިރުންނެވެ."
އެކުވެރިޔާ ދިން ނަޞީޙަތަށް ޢަމަލުކުރުމުން ރަނގަޅު ވަޒީފާއެއް ލިބުނެވެ. ހަމަޖެހިގެން އުޅެވެން ފެށިއެވެ. ހަމަޖެހިލެވުމުން މަންމަ މާލެ ގެނެސް ބޭސްކޮށްދިނެވެ. މިހާރު މަންމަ އިންނަނީ އޭނާ ކުއްޔަށް ހިފައިގެން އުޅޭތަނުގައެވެ. މަންމައަށް ހެޔޮކޮށް ހިތައި އެހީތެރިވެއެވެ.
ރަނގަޅެވެ. މަންމަ އޭނާއަށް މާފުކޮށްފިއެވެ. އެކަމަކު ދަރިފުޅުގެ އެހީތެރިކަން ނުލިބި ނިޔާވި ބައްޕަގެ ކިބައިން މާފުހޯދަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އޭނާގެ އެކުވެރިޔާއެވެ. މައިންނާއިމެދު މިފަދަ ދެރަކޮށް ކަންކަން ކުރެވޭ އެންމެންނަށް ޢިބްރަތަކަށްވާނެކަމަށް އުންމީދުކުރަމެވެ.
- ސަމީރު / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-