ދަރިން ހޯދަން ބޭނުންނުވިޔަސް އަނބިމީހާގެ އިޙްޞާޞްތަކަށް އަނިޔާނުކޮށް ކަންކަން ޙައްލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 39ސ
ދަރިން ހޯދަން ބޭނުންނުވިޔަސް އަނބިމީހާގެ އިޙްޞާޞްތަކަށް އަނިޔާނުކޮށް ކަންކަން ޙައްލުކުރާށެވެ!

ކައިވެންޏަށްފަހު ދެމީހުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ދެމަފިރިންގެ ގުޅުމެވެ. ދެމަފިރިންގެ ގުޅުން ބިނާވެގެންދާނީ އެކަކު އަނެކެއްގެ އިޙްޞާޞްތަކަށް ދެމީހުންވެސް އިޙްތިރާމްކޮށްގެންނެވެ. ޢަޒަލުކުރުމުގެ މައްސަލައިގައި މަޢުލޫމާތަށް ބައެއް ކިޔުންތެރިން އެދޭތީ މިގެނެސްދެނީ އެފަދަ ލިޔުމެކެވެ. ހުއްދަ ނަމަވެސް ކުރުމުން ދިމާވާ މައްސަލަތަކަށް ރަނގަޅަށް ވިސްނަވާށެވެ.  

ޢަޒަލުކުރުން ހުއްދަވެގެންވުން: 

ޢަޒަލުކުރުމަކީ ދެމަފިރިކަމުގެ ގުޅުން ހިންގުމުގައި ފިރިމީހާގެ ދަރިފަނި އަންހެނާގެ ރަޙިމަށް ވާޞިލްވުމަށް މަނާކޮށް، އަންހެނާގެ ހަށިގަނޑުން ބޭރަށް ދަރިފަނި ދޫކުރުމަށްޓަކައި ފިރިހެނާގެ ގުނަވަން އަންހެނާގެ ފަރުޖުން ނެރުމެވެ. އަންހެނާގެ ހަށިގަނޑުން ބޭރަށް ދަރިފަނި ދޫކުރުމަކީ ފިރިމީހާއަށް ހުއްދަވެގެންވާ ކަމެކެކެވެ. އަދި މިކަމާ ގުޅޭ ޙަދީޘްތައް ތިރީގައި ބަޔާންކޮށްލާނަމެވެ.  

މާނައީ: ” ޤުރްއާން ބާވައިލެއްވެމުން ދިޔައިރު ތިމަންބޭކަލުން ޢަޒަލުކުރައްވާކަމުގައި ވީމެވެ. “  

އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.  

((كُنَّا نَعْزِلُ عَلَى عَهْدِ رَسُولِ اللَّهِ -صلى الله عليه وسلم- فَبَلَغَ ذَلِكَ نَبِىَّ اللَّهِ -صلى الله عليه وسلم- فَلَمْ يَنْهَنَا.))  

މާނައީ: ” ރަސޫލުﷲ -صلى الله عليه وسلم- ގެ ޙަޔާތްޕުޅުގައި ތިމަންބޭކަލުން ޢަޒަލުކުރައްވާކަމުގައި ވީމެވެ. ފަހެ އެކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު ތިމަންބޭކަލުންނަށް އެކަން މަނާ ނުކުރައްވައެވެ.  “  

މާނައީ: ރަސޫލުﷲ -صلى الله عليه وسلم- ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންނައަށް އަޅުއަންހެނަކު ލިބިގެންވެއެވެ. އަދި ތިމަން އޭނާއާ އެކީ ޢަޒަލުކުރީމެވެ. އަދި އެކަމުން ތިމަން ބޭނުންވަނީ އެހެން މީހުންވެސް އެދޭކަމެވެ. އަދި ހަމަކަށަވަރުން ޔަހޫދީން ދަޢުވާކުރާކަމުގައި ވެއެވެ. (އެބައިމީހުން ބުނެއެވެ.) ހަމަކަށަވަރުން ޢަޒަލުކުރުމަކީ ދަރިން ދިރިތިއްބާ ވަޅުލުމުގެ ކުޑަވައްތަރެވެ. ފަހެ ރަސޫލުﷲ -صلى الله عليه وسلم- ޙަދީޘްކުރެއްވިއެވެ. ޔަހޫދީން ދޮގުހަދައިފިއެވެ. ޔަހޫދީން ދޮގުހަދައިފިއެވެ. ﷲ ތަޢާލާ ދަރިއަކު ޚަލްޤުކުރެއްވުމަށް އިރާދަކުރައްވައިފިނަމަ ކަލޭގެފާނަށް އެކަން ހުއްޓުވުމުގެ ކުޅަދާނަކަމެއްނެތެވެ."  

((إِنَّ لِى جَارِيَةً هِىَ خَادِمُنَا وَسَانِيَتُنَا وَأَنَا أَطُوفُ عَلَيْهَا وَأَنَا أَكْرَهُ أَنْ تَحْمِلَ. فَقَالَ : اعْزِلْ عَنْهَا إِنْ شِئْتَ فَإِنَّهُ سَيَأْتِيهَا مَا قُدِّرَ لَهَا. فَلَبِثَ الرَّجُلُ ثُمَّ أَتَاهُ فَقَالَ إِنَّ الْجَارِيَةَ قَدْ حَبِلَتْ. فَقَالَ : قَدْ أَخْبَرْتُكَ أَنَّهُ سَيَأْتِيهَا مَا قُدِّرَ لَهَا))  

މާނައީ: ” ހަމަކަށަވަރުން ތިމަންނައަށް އަޅުއަންހެނަކު ލިބިގެންވެއެވެ. އޭނާ އަކީ ކަދުރު ރުއްތަކަށް ފެންދޭ ތިމަންމެންގެ ޚާދިމެވެ. އަދި ތިމަން އޭނާއާއެކީ އެއްދާންކުރަމެވެ. އަދި އޭނާ ބަނޑުބޮޑުވުމަށް ތިމަން ނޭދެމެވެ. ފަހެ ރަސޫލުﷲ -صلى الله عليه وسلم- ޙަދީޘްކުރެއްވިއެވެ. ތިބާ އެދޭކަމުގައި ވަނީނަމަ އޭނާ އާއެކީ ޢަޒަލުކުރާށެވެ. ފަހެ ހަމަކަށަވަރުން އެކަނބުލޭގެއަށް މެދުވެރިވުމަށް ﷲ މިންވަރު ކުރައްވާފައިވާކަމެއް މެދުވެރިވާހުއްޓެވެ. ފަހެ ދުވަސްތަކެއްފަހުން އޭނާ ރަސޫލުﷲ -صلى الله عليه وسلم- ގެ އަރިހަށް އައިސް އެކަނބުލޭގެ ބަނޑުބޮޑުވެއްޖެކަމުގައި ދެންނެވިއެވެ. ދެން އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެކަނބުލޭގެޔަށް މިންވަރުކުރައްވާފައިވާ ކަމެއް މެދުވެރިވާނެކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެއްވީމެވެ. “ 

އެންމެ އެދެވިގެންވަނީ ޢަޒަލުކުރުމުން ދުރުހެލިވުން: 

ޢަޒަލުކުރުމުން ދުރުހެލިވުން އެދެވިގެންވާ ސަބަބުތައް: 

1- ޢަޒަލުކުރުމަކީ އަންހެނާއަށް އެދުންފުއްދުމުގައި ލިބޭ ލައްޒަތު ކުޑަވެގެންދާ ކަމެއްކަމުގައިވުން.

2- އަނބިމީހާ ޢަޒަލުކުރުމަށް އެއްބަސްވީކަމުގައި ވީނަމަވެސް ކައިވެނި ޝަރުޢުކުރެއްވުމުގެ މަޤްޞަދެއް ޙާޞިލް ނުވެދާނެކަމެއް ކަމުގައިވުން. އެ މަޤްޞަދަކީ ރަސޫލުﷲ -صلى الله عليه وسلم- ގެ އުއްމަތުގެ ނަސްލު އިތުރު ކުރުމެވެ. މިކަން އެކަލޭގެފާނުގެ މި ބަސްފުޅުގައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.   

((تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّى مُكَاثِرٌ بِكُمُ الأُمَمَ))  

މާނައީ: ”  ތިޔަބައިމީހުންގެތެރެއިން އެންމެ ލޮބިވެތިކަން ބޮޑު އަދި ގިނައިން ދަރިމައިވާ އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ. އެހެނީ ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ގިނަ ކަމާއިމެދު ތިމަން ކަލޭގެފާނު ފަޚުރުވެރިވެ ވަޑައިގަންނަވާހުށީމެވެ.  “ 

3- ޢަޒަލުކުރުމާ ބޭހޭގޮތުން ރަސޫލުﷲ -صلى الله عليه وسلم- އާ ސުވާލުކުރެވުނު ހިނދު އެކަން ޞިފަކުރައްވާފައިވަނީ އެއީ ދަރިން ދިރިތިއްބާ ވަޅުލުމުގެ ފޮރުވިފައިވާ ވައްތަރުކަމުގައެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވެއެވެ. 

((ذَلِكَ الْوَأْدُ الْخَفِيُّ))  

މާނައީ: ”އެއީ ދަރިން ދިރިތިއްބާވަޅުލުމުގެ ފޮރުވިފައިވާ ގޮތެވެ"  

އެހެންކަމުން ޢަޒަލުކުރުމުން ދުރުހެލިވުމަކީ އެންމެ އައުލާވެގެންވާގޮތް ކަމުގައި އަބޫ ސަޢީދު އަލްޚުދުރީ –ރަޟިޔަﷲޢަންހު- ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ރަސޫލުﷲ -صلى الله عليه وسلم- އިޝާރާތްކުރައްވާފައިވެއެވެ.  

އަބޫ ސަޢީދު އަލްޚުދުރީ –ރަޟިޔަﷲޢަންހު- ވިދާޅުވިއެވެ: ((ذُكِرَ الْعَزْلُ عِنْدَ رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَ « وَلِمَ يَفْعَلُ ذَلِكَ أَحَدُكُمْ – وَلَمْ يَقُلْ فَلاَ يَفْعَلْ ذَلِكَ أَحَدُكُمْ – فَإِنَّهُ لَيْسَتْ نَفْسٌ مَخْلُوقَةٌ إِلاَّ اللَّهُ خَالِقُهَا)) މާނައީ: ” ޢަޒަލުކުރުމާއި ބެހޭގޮތުން ރަސޫލުﷲ -صلى الله عليه وسلم- ގެ އަރިހުގައި ނަންގަނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު އެކަން ކުރަނީ ކީއްވެގެންތޯއެވެ. – ފަހެ ތިޔަބައިމީހުންކުރެ މީހަކު އެކަން ނުކުރާށޭ އެކަލޭގެފާނު ވިދާޅުނުވެއެވެ.- ފަހެ ހަމަކަށަވަރުން އެ ނަފްސެއް ޚަލްޤުކުރެއްވި ޚާލިޤު ކަމުގައި ﷲ ތަޢާލާ ނުވާ އެއްވެސް ނަފްސެއް ނުވެއެވެ.  “  

އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ((وَإِنَّكُمْ لَتَفْعَلُونَ وَإِنَّكُمْ لَتَفْعَلُونَ وَإِنَّكُمْ لَتَفْعَلُونَ؟ مَا مِنْ نَسَمَةٍ كَائِنَةٍ إِلَى يَوْمِ الْقِيَامَةِ إِلاَّ هِىَ كَائِنَةٌ))  

މާނައީ: ” ތިޔަބައިމީހުން ހަމައެކަން ކުރަނީހެއްޔެވެ؟ ތިޔަބައިމީހުން ހަމައެކަން ކުރަނީހެއްޔެވެ؟ ތިޔަބައިމީހުން ހަމައެކަން ކުރަނީހެއްޔެވެ؟ ޤިޔާމަތާއި ޖެހެންދެން ޚަލްޤުކުރެއްވުމަށް ﷲ ތަޢާލާ އިރާދަކުރައްވާފައިވާ އެއްވެސް ނަފްސެއް ޚަލްޤު ނުކުރެވި ނުވާނެއެވެ. “ ( ޙަދީޘްގެ މުރާދައަކީ ތިޔަބައިމީހުން ޢަޒަލު ކުރިޔަސް ނުކުރިޔަސް ޤިޔާމަތާއި ޖެހެންދެން ﷲ ތަޢާލާ ޚަލްޤުކުރައްވަން އިރާދަކުރައްވާފައިވާ އެއްވެސް ނަފްސެއް ޚަލްޤު ނުކުރައްވައި ޤިޔާމަތް ނުވާހުއްޓެވެ.)

 

 

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

މިއަދު އޮންލައިން