އަނެކާޢަށް ރަޙުމް ނުކުރާ މީހެއްގެ ހިތަށް ކުލުނާ އޯގާތެރިކަން ވެއްދުވުމަކީ ކުރެވޭ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަނެކާޢަށް ރަޙުމް ނުކުރާ މީހެއްގެ ހިތަށް ކުލުނާ އޯގާތެރިކަން ވެއްދުވުމަކީ ކުރެވޭ ކަމެއް ނޫން!

ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި ހިތުން ރަޙުމާއި ލޯތްބާއި ކުލުނު ފިލައިގެންދަނީ އެމީހެއްގެ ނުބައިކަން ބޮޑުވުމުންނެވެ. ޖާހިލުކަމާއި ޖައްބާރުކަން ބޮޑުވުމުންނެވެ. އެޙާލަތަށް ހިނގައްޖެ މީހަކު ބަދަލުކުރުވުމަކީ ވަރަށް މަދުން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.  

އެހެންވެ މިބަލައިލަނީ ހިތުގައި ރަޙުމް ނެތުމާއި ހިތް ހިލަވެ ހަރުވޔނަށެވެ. މިއީ ތަފާތު ދެކަމެކެވެ. މިދެ ޙާލަތުގެ ތަފާތަށް އަހުރެންގެ ވިސްނުމުން ވިސްނައިލާނަމެވެ.  

ހިތުގައި ރަޙުމް ނެތް މީހަކުނަމަ އަނެކާއަށް ކިތަންމެ ބޮޑު އަނިޔާއެއްވެސް އަދި ގެއްލުމެއްވެސް  ދީފާނެއެވެ. އަދި އަނެކާއަށް ކިތަންމެ ބޮޑު ދެރައެއް ނުވަތަ ހިތްދަތިކަމެއް ލިބުނު ނަމަވެސް އެއްވެސް އަސަރެއް ނުކުރާނެއެވެ. ލިބޭ އަނިޔާ ބޮޑުވާވަރަކަށް އުފާވެސް ކުރާނެއެވެ.  

ހިތް ހަރުވުން މާނަކުރެވެނީ މުޅިން ތަފާތު ގޮތަކަށެވެ. ހިތް ހަރުވުން ނުވަތަ ހިލަވުން ކަމަށް ކިޔައި އުޅެނީ ކޮންމެ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް މާބޮޑު އަސަރެއް އެމީހަކަށް ނުކުރާތީއެވެ. މިމައްސަލަ ގިނައިން ކުރިމަތިވަނީ އެމީހެއްގެ ހިތަށް އަސަރުކުރާފަދަ ގިނަ ކަންތައްތަކެއް އެތައް ދުވަހެއް ވަންދެން ތަޙައްމަލްކުރަންޖެހުމުންނެވެ. އެކަމުން ލިބޭ ހިތްދަތިކަމުގައި ގިނަ ދުވަސްތަކެއްވަންދެން އުޅެންޖެހުމުންނެވެ. އެފަދަ މީހަކަށް ކިތަންމެ ބޮޑު ދެރައެއް ލިބުނަސް އެކަމަކަށްވެސް ކަންބޮޑެއް ނުވާނެއެވެ.  

މިފަދަ މީހަކާއި ކައިވެނިކުރެވިއްޖެނަމަ، ނުވަތަ ބައިވެރިޔާގެ ކިބައިން މިފަދަ މައްސަލަތައް ފާހަގަކުރެވޭނަމަ އޭނާއަށް ރަޙުމްކުރުން ގިނަކޮށް އޯގާތެރިކަމާއިއެކު ކަންކަންކުރާށެވެ! އޭނާއަށް ބަސްބުނުމުގައިވެސް އޯގާތެރިވާށެވެ. އަދި އޯގާތެރިކަމާއިއެކު ޚިދުމަތްކުރާށެވެ.  

ބަދަލު އަންނަން މުއްދަތެއް ނަގައިފާނެއެވެ. ނަމަވެސް މިބުނިމަގުން ކަންކަން ކުރާނަމަ ބަދަލު އަންނާނެއެވެ. ހިތްމަޑުވެ ކުރިން ހުރި ޙާލަތައް އެނބުރި ރުޖޫޢަވާނެއެވެ. ކުރިންވެސް ބުނި ފަދައިން އެކަމަށް ދުވަސްތަކެއް ނަގައިފާނެއެވެ. ކެތްތެރިވެލާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ  

ހިތުގައި ރަޙުމް ނުހުންނަ މީހުންނަށް އެކަން ކުރިމަތިވަނީ އެމީހުންގެ ޖާހިލުކަންބޮޑުވެ ހައްދުފަހަނައަޅައިދިއުމުންނެވެ. އެފަދަ މީހަކާ ކައިވެނިނުކުރާށެވެ. ނުއެނގިހުރެ ކައިވެނިކުރެވުނަސް ބަދަލުވާން މުއްދަތެއް ދިނުމުން ޢަމަލުތައް ބަދަލުނުކުރިނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ.  

މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން