ކަނޑުތަކާބެހޭ ޢިލްމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 52ސ
ކަނޑުތަކާބެހޭ ޢިލްމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސް ގޮވާލައްވައިފި

ކަނޑުތަކާބެހޭ ޢިލްމް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި، މަސްވެރިކަން ވިލަރެސްކުރުމާއި، މެރިން ސައިންސް ކުރިއެރުވުމާއި، ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބިނާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލާއި ދިވެހި ކަނޑުތަކާ އޮންނަ ވަރުގަދަ ގުޅުމުގެ މަތީގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނާއި، އިޤްތިޞާދާއި، ވެށީގެ ދުޅަހެޔޮކަން ބަރޯސާވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސައިންސާއި، އުފެއްދުންތެރިކަމާއި، މުޖުތަމަޢުގެ ބޭނުންތަކަށް ފެތޭގޮތަށް ބިނާކުރައްވާފައިވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ ތަސައްވަރުގެ މައްޗަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމަކީ، ޒިންމާދާރުކަމާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގެ ނަމޫނާއެއް ކަމުގައި ވިދާޅުވެ، ދޮށީގެ މަސްވެރިކަމަކީ، ވަކި ވައްތަރެއްގެ މަސް ބޭނުމަށް ޚާއްޞަ، އަދި އެހެނިހެން ދިރުންތަކަށް ގެއްލުން ކުޑަ ބާވަތެއްގެ މަސްވެރިކަމަކަށްވާތީ، އެއީ ކަނޑުގެ މާހައުލީނިޒާމު ރައްކާތެރިކޮށްދޭ މަސްވެރިކަމުގެ ވައްޓަފާޅިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، މުރަކަތައް ހުދުވެ، މަސްމަހާމެހި ދިރިއުޅޭ ސަރަހައްދުތަކަށް ބަދަލުއައިސް، ގޮނޑުދޮށްތައް ގިރަމުންދާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިންސްގެ އަލީގައި ކަނޑުތައް ދެނެގަތުމަކީ މިހާރު ޤައުމީ އަހުމިއްޔަތަކަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މަސްވެރިކަން ދިރާސާކުރުމާއި، ނެތި ހިނގައިދާނެކަމުގެ ބިރުވެރިކަން ހުރި ދިރުންތައް ދެނެގަނެ އެފަދަ ދިރުންތައް ހިމާޔަތްކުރުމާއި، ކަނޑުގެ ދިރުންތަކަށް ހުރި ހިރާސް ދެނެގަނެ، ކަނޑުގެ މާހައުލީނިޒާމު ވިލަރެސްކުރުމުގެ ޤައުމީ މަސައްކަތްތައް ހިމެނޭނޭހެން، މެރިން ރިސަރޗާއި، ޢިލްމީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމަކީ މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ފަރުތަކަކީ، އެ ރަށްތައް ހިމާޔަތްކޮށްދޭ، ހަޔަވީ ސިންދަފާތަށް ބާރުދޭ، އާމްދަނީ ދަމަހައްޓައިދޭ، ދިވެހި ޤުދުރަތީ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ފަރުތަކުގެ ސިއްޙަތު ވިލަރެސްކޮށްގެންނާއި، ފަރުތަކާ ގުޅުންހުރި މަޢުލޫމާތު މަރުކަޒީގޮތެއްގައި ބަލަހައްޓައިގެންނާއި، މުރަކަ ދިރުވައި އާލާކުރުމާ ގުޅޭ އިތުރު ދިރާސާތައް ކުރިއަށްގެންގޮސްގެން، ދިވެހި ފަރުތަކަކީ، މޫސުމީ ބަދަލުތަކުގެ ހިރާސްތަކަށް ވިލުންތެރި ފަރުތަކެއްކަން ކަށަވަރުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކަނޑުތައް ބެލެހެއްޓުމުގެ މުހިންމުކަމުގެ އަޑު އުފުއްލެވުމަށް، ބައިނަލްއަޤުވާމީ ފެންވަރުގައި ހަރަކާތްތެރިވުންމަތީ ދެމިހުންނަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ކަނޑުތަކުގެ މުސްތަޤުބަލަކީ އެއް ޤައުމަށް އެކަނި ކަށަވަރުކުރެވޭނޭކަމެއް ނޫންކަން އެނގިވަޑައިގަންނަވާކަމަށާއި، މިކަމަށް ބޭނުންވަނީ، ޖަޒީރާ ޤައުމުތަކާއި އައްސޭރިފަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ހޯދޭ ޙައްލުތަކާއި، އެއްބައިވަންތަކަމާއި އެއްބާރުލުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަނޑުތައް ހިމާޔަތްކުރުމުގެ ހައްސާސްކަމާއި، އެކަމަށް ބޭނުންވާ އެއްބާރުލުމާމެދު އަލުން ވިސްނާވަޑައިގަތުމަށް އެމަނިކުފާނު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލެއްވިއެވެ. އަދި ދިވެހިރާއްޖެ މަސައްކަތްކުރަމުންދާނީ، އެއްވެސް ރަށެއް އަދި އެއްވެސް މުޖުތަމަޢެއް ބާކީ ނުވާނޭ ބީދައިން، ދެމެހެއްޓެނިވިގޮތެއްގައި ކުރާ މަސްވެރިކަން އިސްކޮށް، އޯޝަން ސައިންސް ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައިވެސް އެމަނިކުފާނު ވަނީ، ދިވެހީންގެ އިޤްތިޞާދާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ވެށީގެ ސަލާމަތާ ކަނޑުތަކާ ގުޅިލާމެހިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މުޅި ދުނިޔެއަށް މުހިންމު ވަސީލަތެއްކަމުގައި ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢިން، އާ ޢަޒުމެއްގައި، ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިއަދު އޮންލައިން