މަޢުލޫމާތު ހާމަކުރުމަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި އަސާސީކަމެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
މަޢުލޫމާތު ހާމަކުރުމަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި އަސާސީކަމެއް: ރައީސް

މަޢުލޫމާތު ހާމަކުރުމަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި އަސާސީކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގައި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން، ޤާނޫނުގައި ހާމަކުރުމަށް ލާޒިމުކުރާ މަޢުލޫމާތުތައް އާންމުކޮށްފައިވާކަން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން އިޢުލާންކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ވީ 12 އަހަރުގެ ތެރޭގައި ވަކި ފަރާތަކުން އެދުމަކާ ނުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ކުރިން އާންމުކޮށްފައިނުވާ އެތައް މައުލޫމާތެއް މިހާރު އާންމުކޮށްފައިވާކަމަށެވެ. މިއީ ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަކީ ހަމައެކަނި ގަވާއިދެއްގައި އޮންނަންޖެހޭކަމެއް ނޫން" ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ދަމަހައްޓާ، ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި މަޢުލޫމާތު ހާމަކުރުމަކީ އަސާސީކަމެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޒިންމާދާރުކުރުވުން ހަރުދަނާކުރުމަށް ކުރެވުނު މުހިއްމު މަސައްކަތެއްގެ ގޮތުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޒިންމާދާރު ސަރުކާރެއް ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތުގައި މިހޯދުނު ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުންނާއި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުގެ މި ނިންމުމަކީ އާންމު މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު މަޢުލޫމާތު ލިބެން ހުންނާނެކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ލަނޑުދަނޑި ޙާސިލުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން