ހދ. މަކުނުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓް ސެޓަޕް ހެދުމާއި، ފަޔަރ ސްޓޭޝަން އެޅުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމުގެ އިތުރުން ބިން ކޮނުމުގެ މަސައްކަތްތަކެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ބާރު ދުވެލީގައި ކުރިއަށެވެ.
މަކުނުދޫ އެއާޕޯޓް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުގައެވެ. ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ރަންވޭގެ ދިގުމިން އިތުރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ. 2024 ވަނަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، މަކުނުދޫގައި ތަރައްޤީކުރާނީ 1800 މީޓަރުގެ ރަންވޭއެއް ކަމަށެވެ.
މި މަޝްރޫޢު ނިމުމުން އެއާޕޯޓް ހިންގުމުގެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
މަކުނުދޫގައި އެއާޕޯޓެއް ގާއިމުވުމަކީ އެ ސަރަހައްދުގެ ދަތުރުފަތުރަށާއި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.