އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފި

މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު މި މަހުގެ ފަސްވަނަ ދުވަހު ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 264 އަންހެނުން ފޯމު ހުށަހަޅާފައިވާއިރު، އެޗްޑީސީން ވަނީ ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ބެޗުތަކަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ.

އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމުގެ ބައިތައް މިއަހަރު ވަނީ ހިމަނާފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށްވެސް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއައިޓީއާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ސަބަބުން، އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ރާވާފައެވެ.

މިއަދު އޮންލައިން