ފިޗް ރޭޓިންގްސް އިން ބީއެމްއެލްގެ ލޯންގްޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް އަކަށް ސްޓޭބަލް އައުޓްލުކަކާއެކު "ސީސީސީ-" ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 40ސ
ފިޗް ރޭޓިންގްސް އިން ބީއެމްއެލްގެ ލޯންގްޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް އަކަށް ސްޓޭބަލް އައުޓްލުކަކާއެކު "ސީސީސީ-" ކަނޑައަޅައިފި

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯންގް ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް (IDR) 'CCC-' ގައި ކަނޑައަޅައި، ބޭންކުގެ އައުޓްލުކް 'ސްޓޭބަލް' ކޮށްފިއެވެ. މީގެ އިތުރުން ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް ޓާމް IDR ވަނީ 'CCC+' ގައި ކަނޑައަޅާފައެވެ. މިއީ ދައުލަތުގެ ކްރެޑިޓް ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެއްކަން ފާހަގަކޮށްލެވެއެވެ.

ފިޗްގެ މި ވަޒަންކުރުމުގައި ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަމާއި، އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައިވެސް ސާބިތުކަމާއެކު ދެމިއޮތުމުގެ ގާބިލުކަން ހުރި މިންވަރަށް ވަނީ ބަލާފައެވެ. ރާއްޖޭގެ ބޭންކިންގ ދާއިރާގައި ބީއެމްއެލްއަށް އޮތް އިތުބާރާއި، މާކެޓުގައި އެ ބޭންކުން އަދާކުރާ އިސް ދައުރުގެ ސަބަބުން ބޭންކުގެ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވާކަމަށް ފިޗް އިން ފާހަގަކުރެއެވެ. ބޭންކުގެ ފުޅާ ނެޓްވޯކާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކަކީ އެހެން ބޭންކުތަކާ އަޅާބަލާއިރު ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ.

މި ރޭޓިންގް ކަނޑައެޅުމުގައި ދިވެހި ދައުލަތުގެ ސޮވަރިންގ ރޭޓިންގްއަށް އައި ބަދަލުތަކަށް ވަނީ ރިއާޔަތްކޮށްފައެވެ. ހާއްސަކޮށް 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެނެވުނު އިސްލާހުތަކަކީ މި ނިންމުމަށް ބާރުލިބުނު ކަންކަމެވެ. އާންމު އުސޫލުން ދައުލަތުގެ ރޭޓިންގްއަށްވުރެ މަތީ ރޭޓިންގްއެއް މާލީ އިދާރާތަކަށް ނުލިބޭތީ، ބީއެމްއެލްގެ ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ މައްޗަށެވެ.

ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި ބޭންކުގެ ރަނގަޅު ކެޕިޓަލް މިންވަރާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި ޑިވިޑެންޑް ބެހުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތު ހިމެނެއެވެ. ރާއްޖެއަށް ބޭރު ފައިސާގެ ތަދުކަން ކުރިމަތިވެފައިވީ ނަމަވެސް، ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ "ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގް އާންމުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއިން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި، މާކެޓުގައި އަޅުގަނޑުމެންގެ ލީޑަރޝިޕް އަދި ހަރުދަނާ މާލީ ނަތީޖާއެއް ނެރެމުންދާކަން." އޭނާ އިތުރަށް ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ބޭންކުން ދަމަހައްޓަމުންދާ ސާބިތުކަން މިއިން ހާމަވާ ކަމަށެވެ.

ޖުމްލަގޮތެއްގައި، ފިޗްގެ މި ރޭޓިންގްތަކުން ފެނިގެންދަނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ރަނގަޅުކަމާއި މާކެޓުގައި އޮތް ވަރުގަދަ މަގާމެވެ. ބޭންކުގެ ލޯނުތައް ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުވެފައިވީ ނަމަވެސް، ބޭންކުގެ ތަޖުރިބާއާއި ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މިކަންކަން ހަރުދަނާކަމާއެކު މެނޭޖްކުރެވޭ ކަމަށް ފިޗް އިން ގަބޫލުކުރެއެވެ.

މިއަދު އޮންލައިން