އާޚިރަތް ލިބެން އޮތީ ޢާއިލާއަށް ޚަރަދުކުރުމުގެ އިތުރަށް އެހެން މީހުންނަށްވެސް އެހީތެރިވެގެން! ޢާއިލާއަށް ޚަރަދުނުކުރާ މީހަކަށް އެދުވަހު ސަލާމަތްވެވޭނެކަމަށް ހީވެސް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އާޚިރަތް ލިބެން އޮތީ ޢާއިލާއަށް ޚަރަދުކުރުމުގެ އިތުރަށް އެހެން މީހުންނަށްވެސް އެހީތެރިވެގެން! ޢާއިލާއަށް ޚަރަދުނުކުރާ މީހަކަށް އެދުވަހު ސަލާމަތްވެވޭނެކަމަށް ހީވެސް ނުކުރާތި!

މުސްލިމުންގެ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ފަރުޟު 5 ނަމާދުކޮށް އަދި އެހެންވެސް ފަރުޟު އަޅުކަންކޮށް، ކައިވެނިކޮށް ދަރިން ލިބުމުން އެދަރިން ތަރުބިއްޔަތުކުރެވުމުން އެއީ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ.  

ބުނަންހެއްޔެވެ؟ އެއިރުން އެޙާޞިލްކުރެވުނީ އެންމެ އަސާސީ މިންވަރެވެ. އާޚިރަތް ކާމިޔާބުކުރަން އެދޭ މީހަކަށް އެވަރަކުން އަދި ނުފުދޭނެއެވެ. އިތުރަށް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.  

އެންމެ ފުރަތަމަ ކަމަކީ ޢާއިލީ ޒިންމާއެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތުމެވެ. އެހެން މީހުންނަށް ފައިދާކުރާނެ ޢަމަލުތައް ކުރުމެވެ. އެކަންކަމަށް ބާރު އަޅުއްވަވާފައިވާ މިންވަރު ނިކަން ދެކިބަލާށެވެ! މީސްތަކުންނަށް ފައިދާކުރާނެ ގަހެއް އިންދަން އުޅެނިކޮށް ޤިޔާމަތުގެ ތާޅަފިލީގެ އަޑު އުވުނަސް އޮތީ ގަސް އިންދުމެވެ.  

އެގަސް ނުހެދޭނެއިރުގައިވެސްމެއެވެ. އެގަހުން ކާނެ ބައަކު ނުތިބޭނެ އިރުގައިވެސްމެއެވެ. މިފަދައިން ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުގެ ބޭނުމަކީ ދުނިޔޭގައި ހުރިހާ ދުވަހަކު މީސްތަކުންނަށް އެހީތެރިވުމުގައި ދެމިހުރުމުގެ މުހިންމުކަން އަންގަވައިދެއްވެވުމެވެ.  

ވީމާ ތިމާއަކީ އާޚިރަތް ދުވަސް ކާމިޔާބުކުރަން އެދޭ މީހަކު ކަމުގައިވާނަމަ މިކަންކަމަށް ސަމާލުކަންދީގެން ޙަޔާތްވޭތިކުރަމުން ގެންދާށެވެ! ޚާއްޞަކޮށް ޢާއިލާގެ މީހުންނަށާއި ނިކަމެތިންނަށް އެހީތެރިވެދޭ މީހެއްގެ ގޮތުގައި އުޅެމުން ގެންދާށެވެ. ދޭނެ އެއްޗެއް އަތުގައި ނެތްނަމަ ކޮންމެވެސް މަސައްކަތެއްކޮށްލައި ދިނުމުން ނަމަވެސްމެއެވެ.

 

- މަޢްލޫމާތު: ބިލާލް އަސްއަދުގެ ދަރުސަކުން

މިއަދު އޮންލައިން