ޢާންމު ގޮތެއްގައި ތަޝައްރަފްފުދުން ގިނަ ބައަކު މާނަކުރަނީ 18 އަހަރު ފުރުމަށެވެ. އެއީ އަދި ތަޝައްރަފް ފުފުދުމެއް ނޫނެވެ. އެއީ ޤާނޫނުގައި ބުނާ ކުޑަކުއްޖެއްގެ ޢުމުރު ނިމުމެވެ. އެހިސާބުން ޤާނޫނު ފުރިހަމަ ގޮތުގައި އޭނާގެ މައްޗަށް ހިނގާނެތީއެވެ. ނަމަވެސް އެއީ އަދި ތަޝައްރަފް ފުދުމެއް ނޫނެވެ.
ރަނގަޅަށް ވިސްނާށެވެ! ތަޝައްރަފް ފުދިފައިވާ އަންހެނަކަށްވުމަކީ ވަކި ޢުމުރަކުންވާކަމެއް ނޫނެވެ. ޢުމުރުން ކިތަންމެ ގިނަ ދުވަސްވީނަމަވެސް ތަޝައްރަފް ނުފުދި ހުރެދާނެއެވެ. އަދު ޢުމުރުން ކިތަންމެ ހަގު ނަމަވެސް ތަޝައްރަފް ފުދިވެސްދާނެއެވެ!
އަންހެނަކު ތަޝައްރަފް ފުދިއްޖެކަމަށް ބެލެވޭ ކަންކަމުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަމަށް ވިސްނައި ޢޭނާއަށް ދެރައެއް ލިބިދާނެ ހުރިހާ ކަންކަމުން ދުރުހެލިވެ ހުންނަން އެނގުން، ފިރިހެނުންދޭ ނުބައި ވަސްވާސްތަކަށް ނުހެއްލި ހުންނަން އެނގުން، އަދި ކިތަންމެ ގާތް ބައަކު ކިތަންމެ ގިނައިން ވަސްވާސްދިނަސް އަމިއްލަ ދިރިއުޅުމަށް ގެއްލުމެއް ލިބިދާނެ ކަންކަން ނުކޮށް ހުންނަން އެނގުން ފަދަ ކަންކަން ހިމެނެއެވެ.
ވީމާ ތަޝައްރަފް ފުދިފައި ތިބޭ އަންހެނުން ދެކެ ގިނަ ފިރިހެނުން ވަރަށް ބޮޑަށް ރުޅިއަންނާނެއެވެ. އެއީ އެމީހުންނާއިމެދު ހޭލުންތެރިވެ އެމީހުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ފުރުޞަތުނުދޭނެތީއެވެ. ތަޝައްރަފް ފުދިގެން ތިބޭ އަންހެނުންދެކެ ޅޯބިވާނީ، އެކަނބަލުން ތަޝައްރަފް ފުދުމުން އުފާކުރާނީ އެކަނބަލުން ދެކެ ޙަޤީޤީ ލޯބިވާ ފިރިހެނުންނާއި ފިރިން އެކަންޏެވެ. އެކަނބަލުންގެ ވިސްނުމަށް ނުބައި ޗިޕް ޖައްސުވައިގެން ނުބައި ޢަމަލުތައް ނުކުރެވޭނެކަމުގެ ޔަޤީންކަން ލިބޭނެތީއެވެ. ޝަކުކޮށް ފާރަލަމުން ފަހަތުން ދުވަން ނުޖެހޭނެތީއެވެ.
މިބަޔާންކުރެވުނު ފަދައިން ލޯބިވެރިޔާގެ ޚާއްޞަކޮށް ބައިވެރިޔާގެ ޝަރުޠޫތައް ފުރިހަމަވުމަކީ ފިރިހެނުންނަށްވެސް އަދި ފިރިންނަށްވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ލޯބިވެރިޔާއާއިމެދު ނުވަތަ ބައިވެރިޔާއާއިމެދު ޔަޤީންކަން އޮތުމުން ލިބޭ ހިތްހަމަޖެހުން އެނގޭނީވެސް އެފަދަ އަންހެނަކާއިއެކު ދިރިއުޅުމުގެ ފުރުޞަތު ލިބޭ މީހަކަށެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި ގިނަ އަންހެނުން ތަޝައްރަފް ފުދެނީ އެމީހުންނަށް ބޮޑު ގެއްލުމެއް ލިބި އަނިޔާތަކެއް ލިބުމުންނެވެ. ނުވަތަ ބޮޑު ހިތްދަތިކަމެއް އިޙްޞާޞްކުރަންޖެހުމުންނެވެ. ވީމާ ކޮންމެ އަންހެނަކުވެސް މަސައްކަތްކުރަންވީ އެކަން ބަދަލުކުރުމަށެވެ. ތިމާއަކީ ތަޝައްރަފް ފުދިފައިވާ މީހަކަށްވުމަށެވެ.
އަހުރެން ބުނާނީ ލޯބިވެރިއަކު އިޚްތިޔާރުކުރުމުގެ ކުރިންވެސް ތަޝައްރަފް ފުދެންޖެހޭނެ ކަމަށެވެ. ޢަމްދުން ކައިވެނިކުރަންވާނީ ތަޝައްރަފް ފުދިގެން ހުރެ ކަމަށެވެ. އެކަމުގެ ފައިދާއަކީ ތިމާއަށް ގެއްލުމެއް ލިބިދާނެ ކަންކަން ވިސްނަން އަމިއްލައަށް އެނގުމެވެ. އެއިރުން ސަލާމަތްވެވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އަދި މީހަކު ގެއްލުމެއް ދޭން މަސައްކަތްކުރިނަމަވެސް ލިބޭ ގެއްލުންވެސް ކުޑަވާނެއެވެ. އަދި ގެއްލުމެއް ނުވަތަ ހިތްދަތިކަމެއް ލިބުނަސް އެކަމުން އަރައިގަންނަންވެސް ފަސޭހަވާނެއެވެ! އިން ޝާ ﷲ
ތަޝައްރަފް ފުދިއްޖެނަމަ އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ﷲ ތަޢާލާއަށް ބިރުވެތިވާނެއެވެ. ބިރުވެތިނުވެވެނީ ކިތަންމެ ވިސްނުން ތޫނު ނަމަވެސް ވިސްނުމުގައި އުނިކަން ހުރުމުންނެވެ. ވިސްނުން ފުރިހަަމނުވާތީއެވެ. އެންމެ ފަހު ވާހަކައަކަށް މިވާހަކަ މިބުނީ ދެޖިންސަށްވެސް ބުނެލަންޖެހޭ ވާހަކައަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން