ދަރިން ދެކެ ރުޅިއަންނަ ހިނދު ބުނެވޭ ބަސްތައް ބަދުދުޢާއަކަށްވެ ދަރިންނަށް ބޮޑެތި ގެއްލުންތައް ލިބޭކަން އެނގޭހެއްޔެވެ؟

ކިޔުމަށް ހޭދަވާނީ 3މ 33ސ
ދަރިން ދެކެ ރުޅިއަންނަ ހިނދު ބުނެވޭ ބަސްތައް ބަދުދުޢާއަކަށްވެ ދަރިންނަށް ބޮޑެތި ގެއްލުންތައް ލިބޭކަން އެނގޭހެއްޔެވެ؟

ޢަލީ އިޙްޞާން ފިރާޤް

 

ދަރީން، މައިންބަފައިން ހިތްހަމަ ނުޖެހޭކަމެއް ކުރުމުން ބައެއް ފަހަރު މައިންބަފައިން ދަރީންނަށް ބަދުބަސްތައް ރައްދު ކުރާތަން ފެނެއެވެ. އެކުދީންގެ މައްޗަށް ބަދުދުޢާކުރާ އަޑު އިވެއެވެ. އެއީ ވަރަށް ނުރައްކާތެރިކަމެވެ. 

މިކަމާ ގުޅޭގޮތުން މުފްތީމެންކް ވިދާޅުވެފައިވެއެވެ. [ތިމާގެ އަމިއްލަ ދަރީންގެ މައްޗަށް ބަދުދުޢާ ކުރުމަކީ މައިންބަފައިންނަށް ކުރެވޭ އެންމެ ގޯސް އެއްކަމެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް، އަބަދުވެސް ދަރީންނަށް ހިދާޔަތާއި، އެކުދީންނަށް ހެވާލާބަޔަށް އެދި ދުޢާ ކުރާށެވެ.] 

އެފަދަ ހާދިސާއެއް ބުޚާރީ އާއި މުސްލިމު ރިވާ ކުރައްވައިފައިވެއެވެ.

ޖުރައިޖަކީ އަޅުވެރި ޒާހިދެކެވެ. އޭނާ އަޅުކަންކުރުމަށްޓަކައި ފައްޅިއެއް އިޚްތިޔާރުކޮށް، އެ ތާނގައި އޭނާ ދިރިއުޅެމުން ދިޔައެވެ. އެއްދުވަހަކު އޭނާގެ މަންމަ އޭނާއަށް ގޮވައިލަން އައެވެ. އޭރު އޭނާ ހުރީ އަޅުކަންކުރާށެވެ. ފަހެ، އެކަނބުލޭގެ އޭނާއަށް ގޮވައިލިއެވެ. އޭ ޖުރައިޖެވެ. ފަހެ، އޭނާ ހިތަށް އެރިއެވެ. އަޅުގެވެރިރަސްކަލާކޯއެވެ. އަޅުގެ މަންމައަށް ޖަވާބުދިނުމާއި، ނަމާދުފުރިހަމަ ކުރުމާ ދެ ކަންތައް އަޅާގެ މައްޗަށް ވާޖިބުވެއްޖެއެވެ. ފަހެ އޭނާ އަޅުކަންކުރުންމަތީ ދެމިހުރީއެވެ. ދަރިފުޅު ޖަވާބު ނުދިނުމުން އެކަނބުލޭގެ އެނބުރި ދިޔައީއެވެ.

މިގޮތައް ތިންދުވަހު އެކަނބުލޭގެ ޖުރައިޖު ގޮވަލަން އައުމުންވެސް އޭނާ އެކަނބުލޭގެއަށް ޖަވާބުނުދީ އަޅުކަންކުރުންމަތީ ދެމިހުރީއެވެ. އެދުވަހު އެކަނބުލޭގެ ދުޢާ ކުރިއެވެ. "އަޅުގެވެރިރަސްކަލާކޮ! ޒިނޭކުރާ އަންހެނުންނާ ބައްދަލުވުމުގެ ކުރީގައި އޭނާ މަރުނުގަންނަވާނދޭވެ!" 

ފަހެ، ބަނޫއިސްރާއީލު ބާގައިގެ މީހުން، އެބައިމީހުންގެ މެދުގައި ޖުރައިޖުގެ އަޅުވެރިކަމުގެ ވާހަކަދައްކައި އުޅުނެވެ. އެ ދުވަސްވަރު، އެބައިމީހުންގެ ތެރޭގައި، އޭނާގެ ރީތިކަމަށް މަޝްހޫރުވެ ނަންހިނގައިފައިވާ ޒިނޭކުރާ އަންހެނަކު އުޅުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން އެދޭނަމަ އަހަރެން އޭނާ މަޅީގައި ޖައްސައިފާނަމެވެ. އެކަނބުލޭގެ އޭނާއާ ކުރިމަތިލިއެވެ. ނަމަވެސް، އެ ކަނބުލޭގެ ހެއްލުންތެރިކަމަށް އޭނާ އެނބުރިއެއްނުގަތެވެ.  

ފަހެ، އެ ފައްޅީގެ ކައިރީގައި ރޭގަނޑު ނިދައިއުޅޭ ބަކަރިހުއިހައްޕާ މީހަކާ އެ ކަނބުލޭގެ ބައްދަލުކުރިއެވެ. އެކަނބަލޭގެ އޭނާއާއެކު ޒިނޭކުރިއެވެ. ފަހެ އެކަނބުލޭގެ ވިހެއުމުން މީހުން ސުވާލުކުރަން ފެށުމުން އެކަނބުލޭގެ ބުންޏެވެ. މިއީ ޖުރައިޖުގެ ދަރިއެކެވެ. މީސްތަކުން މިވާހަތައް އަޑުއަހައި އައިސް ޖުރައިޖުގެ ގައިގައި ތަޅައިގަނެ އަޅުކަންކުރަން އޭނާ އިންނަ ފައްޅިވެސް ތަޅައިލައިފިއެވެ. 

އޭރު އަދި ޖުރައިޖަކަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. އޭނާ ސުވާލު ކުރުމުން އެބައިމީހުން ބުންޏެވެ. [ޒިނޭކުރާ އެވެނި އަންހެނާއާއެކު ކަލޭ ޒިނޭކުރީ ނޫން ހެއްޔެވެ؟ އޭނާވަނީ ކަލެއަށް ދަރިއަކު ވިހައިފައެވެ. ދެން ޖުރައިޖު އެ ކުޑަކުއްޖާ ގެނެސް ދެ ރަކުޢަތް ނަމާދެއް ކުރުމަށްފަހު އެ ކުޑަ ކުއްޖާކުރެން ސުވާލުކުރިއެވެ. ބައްޕައަކީ ކޮބައިހެއްޔެވެ؟ އެ ކުއްޖާ ބުންޏެވެ. ބަކަރި ހުއިހައްޕާ އެވެނި މީހާއެވެ.

(ރިޔާޟުއްޞާލިޙީންގެ ދިވެހި ތަރުޖަމާ)

މެފަދަ އެހެން ޙާދިޘާއެކެވެ. އިމާމު ޒަމަޚްޝަރީއަކީ، މުޢުތަޒިލާއިންގެ ފިކުރުގެ ޢިލްމުވެރިއެކެވެ. ޒަމަޚްޝަރީގެ އެއް ފައިންޕުޅުވަނީ ބުރިކޮށްލެވިފައެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ފައިންޕުޅު ބުރިކޮށްލެވުނު ސަބަބާ މެދު ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން ވަރަށް ކުޑައިރު އެއްފަހަރަކު ފެންފޯއް ދޫންޏެއް ހިފައިގެން އެސޮރުގެ ފައިގައި ވާގަނޑެއް އައްސައިގެން އުޅުނީމެވެ. އެސޮރު އެއްފަހަރަކު އުދުހިގެން ގޮސް ފާރެއްގެ ބާގަނޑެއްގެ ތެރެއަށް ވަނެއެވެ. އޭރު އެސޮރުގެ ފައިގައި އައްސައިފައިވާ ވާގަނޑުން ބައެއް ބޭރަށް ފެންނަން އޮތެވެ. ދެން އަހަރެން އޭގެ ވާގަނޑުގައި ހިފައި ދަމައިގަތުމުން ފެންފޯއްދޫނި ތަދުވެގެން ވަރަށް ބާރަށް ގޮވަމުން ނިކުމެއްޖެއެވެ. އޭރު އޭގެ ފައިވަނީ ބުރިވެފައެވެ. 

އެމަންޒަރު އަހަރެންގެ މަންމައަށް ފެނިވަޑައިގެން ވަރަށް ބޮޑަށް ކޯފާއިސްކުރެއްވައި ވިދާޅުވިއެވެ. [އޭގެފައި ދަރިފުޅު ބުރިކޮށްލި ފަދައިން ދަރިފުޅުގެ ފައިވެސް ބުރިކުރައްވާށިއެވެ. އެ ފެންފޯއްދޫންޏަކީ، އޭގެ ކެކުޅުމާއިވޭން ބަޔާންކުރެވޭނެ އެއްޗެއްވެސް ނޫނެވެ.] 

އިމާމު ޒަމަޚްޝަރީ ވިދާޅުވެފައިވެއެވެ. އޭގެ ދުވަސްކޮޅެއްފަހުން އަހަރެން ޢިލްމު ޙާޞިލުކުރަން ބުޚައިރާއަށް ދިޔައީމެވެ. ދަތުރުގެ މަގުމަތީގައި ސަވާރީން ވެއްޓި އެއް ފަޔަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. ބުޚައިރާއަށް ގޮސް ފަރުވާކޮށްކޮށްވެސް ރަނގަޅެއްނުވިއެވެ. އެންމެފަހުން ޖެހުނީ ފައިބުރިކޮށްލާށެވެ.]

{ޙަޔާތު އަލްޙައިވާނުލް ކުބުރާ، ވޮލިޔުމް 2، ޞަފްޙާ 163} 

މިދެންނެވުނު ދެ ހާދިސާއަށް ނަޒަރު ހިނގައިލުމުވެސް ދޭހަވަނީ ދަރިން ދެކެ ކިތަންމެ ނުރުހުނު ކަމުގައިވިޔަސް އެކުދީނަށް ބަދުބަސްތައް ނުވަތަ ލަޢުނަތް ނުވަތަ ބަދުދުޢާ ކުރުމުގެ ނުބައިކަމެވެ.

 

 

މިއަދު އޮންލައިން