ތިބާ އަބަދުހެން ކިޔާ ޝަހާދަތުގެ ފުރިހަމަ މާނަ މިމޭރުމުން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ތިބާ އަބަދުހެން ކިޔާ ޝަހާދަތުގެ ފުރިހަމަ މާނަ މިމޭރުމުން އެނގޭތަ؟

އަޅުގަނޑުމެން މުސްލިމުންނަށްވަނީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވާކަމާއި އަދި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމުންނެވެ. އެކަމަށް ޓަކައި އަޅުގަނޑުމެން ކިޔާ ކަލިމައަކީ (لا إله إلا الله، محمد رسول الله ) އެވެ. އެގޮތުން އަޅުގަނޑުމެން މުސްލިމުންނަށް ވީތީ މިކަލިމައިގެ މާނަ ފުރިހަމަ ގޮތުގައި އެނގުމަކީ މުހިންމު ކަމެއްކަމަށްވުމުން މިދެކަލައިގެ މާނައިގެ ތަފުޞީލު ޢިލްމުވެރިއެއްގެ ބަސްފުޅުގެ އަލީގައި ތިރީގައި އެވަނީއެވެ. 

(“ހަމަކަށަވަރުން (لا إله إلا الله) މިކަލިމައިގެ މާނައެއްކަމަށް ނައްޞުތަކުން: ޤުރުއާނާއި ސުންނަތުން ދަލީލުކޮށްދެނީ: "ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ﷲ މެނުވީ ނުވެއެވެ. "މިފަދައިންނެވެ.

މިތަޢުރީފުން މިމަތިވެރި ކަލިމައިގެ މާނަ ނަފީކުރުމުންނާއި އަދި އިޘްބާތުކުރުމުން ޖަމާކުރެވުނީއެވެ. (މިކަލިމައިގައި)ނަފީކުރެވެނީ އަޅުކަންވެވޭ ހުރިހާ އެއްޗަކަށް އަޅުކަންކުރުމުގެ ހައްޤުވާކަން ނަފީކުރުމެވެ. އެއީ ﷲފިޔަވައެވެ. އަދި އިޘްބާތު (ސާބިތު ކުރުމަކީ) ﷲ ޢައްޒަ ވަޖައްލައަށް އަޅުކަންކުރުން ސާބިތުކުރުމެވެ. އެއީ އަޅުކަމުގައި އެއިލާހު އެއްކައުވަންތަވުމާއި އަދި އެއިލާހާއި އެއްވެސް އެއްޗެއް ބައިވެރިނުކުރުމެވެ. އެއީ އެއިލާހަށް އެއިލާހުގެ މިލްކުވެރިކަމާއި (ހުރިހާގޮތަކުން)އެއްވެސް ބައިވެރިއެއް ނުވާފަދައިންނެވެ. 

(މިކަން ދަލީލުކޮށްދެނީ މިއާޔަތުންނެވެ.) ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(ذَٰلِكَ بِأَنَّ اللَّـهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّـهَ هُوَ الْعَلِيُّ الْكَبِيرُ) سورة الحج: 62

މާނައީ: "އެހެނީ، ހަމަކަށަވަރުން اللَّه އީ، ޙައްޤު(ގޮތުގައި އަޅުކަންވެވޭ ހަމައެކަނ) އިލާހެވެ. އަދި ހަމަކަށަވަރުން އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ އެންމެ أعلى ވެގެންވާ އެންމެ أعظم ވަންތަ އިލާހެވެ." 

މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާނަ.: 

އެއީ ހިތުގެ ފުންމިނުން އެކަމަށް އިޤުރާރުވާހާލުގައި ދުލުން މުޙައްމަދަކީ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ) ހުރިހާ މީސްތަކުންނަށް ފޮނުވި ﷲގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމެވެ. އެއީ އިންސާނުންނާއި ޖިންނީންނެވެ. ހެޔޮޚަބަރުދެއްވާ، ހެކިވެރިވެލައްވާ، އަދި އިންޒާރުދެއްވާ އަދި ﷲގެ ދީނަށް އެއިލާހުގެ އިޒުނަޔާއެކުގައި ދަޢުވަތު ދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އެއީ އެބައިމީހުންނަށްވާ (ހިދާޔަތުދައްކާ) ނޫރެއް އަދި ވޮށެއްގެ ގޮތުގައެވެ. 

އަދި އެކަލޭގެފާނު ދެއްވާފައިވާ ހުރިހާ ޚަބަރެއް: އެއީ ކުރީގެ އިސްވެދިޔަ ކަންކަމުގެ ޚަބަރާއި އަދި ފަހުން ވާނެކަންކަމުގެ ޚަބަރު، އަދި ޙަރާމްކަންކަމުގެ ތެރެއިން ޙަރާމްކުރެއްވިކަންކަމާއި އަދި ޙަލާލު ކަންކަމުގެ ތެރެއިން ޙަލާލުކުރެއްވިކަންކަން ޤަބޫލުކުރުމަކީ ވާޖިބެކެވެ. އަދި ނަމޫނާއި މިޘާލު ދެއްކެވި އެކަންކަމަށް އަމުރުކުރެވިފައިވާ ކަންކަމައި، އަދި ދުރުވުމާއި ހުއްޓާލުމަށް ނަހީއައިސްފައިވާ ކަންކަމާއި، އަދި އެކަލޭގެފާނުގެ ޝަރީޢަތަށް ތަބާވުމާއި، އެކަލޭގެފާނުގެ ސުންނަތަށް ރުހިގެންވާ ހާލު އަދި ކިޔަމަންތެރިކަން އަދާކުރާ ހާލު ތަބާވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. 

ޝައިޚުލް އިސްލާމް މުޙައްމަދު ބިން ސުލައިމާން ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ.

"މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވުމުގެ (محمد رسول الله) ގެ މާނައަކީ، އެކަލޭގެފާނުގެ އަމުރަށް ތަބާވުމެވެ. އަދި އެކަލޭގެފާނު ދެއްވި ޚަބަރުތައް ތެދުކުޅައުމެވެ. އަދި އެކަލެގެފާނު ނަހީކުރެއްވި ކަންކަމުން ދުރުވެ އެކަމަށް ނަފުރަތުކުރުމެވެ. އަދި ﷲއަށް އެއިލާހު ޝަރުޢުނުކުރައްވާ އެއްވެސް ކަމަކުން އަޅުކަން ނުކުރުމެވެ. (އެބަހީ އެއްވެސް ބިދުޢައަކަށް، ސުންނަތުން ސާބިތުނުވާ ކަމަކަށް ތަބާނުވުމެވެ)." 

މިއީ ތައުޙީދާއި ގުޅޭގޮތުން ޕުރޮފެސަރ ޑރ. ޢަބްދުﷲ ބިން އަޙުމަދު އައްޠައްޔާރު ޙަފިޒަހުﷲ ގެ ލިޔުއްވުމަކުން ތަރުޖަމާކުރެވިފައވާ ލިޔުންކޮޅެކެވެ. ނިމުނީ. 

وصلى الله وسلم على محمد و آله صحبه أجمعين. آمين

 

- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން