ޢާއިޝަތު ރަފާޙް ޢަލީ
ﷲ އަށް ތަވައްކުލް ކުރުން، ނުވަތަ އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކޮށް ކަންކަން ހަވާލުކުރުމުގެ މާނައަކީ ކޮބައިތޯއެވެ؟ އޭގެ މާނައަކީ މިއީއެވެ: ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމެވެ. އެއަށްފަހު، ނުކުންނަ ކޮންމެ ނަތީޖާއަކާ މެދު، (އިންޝާﷲ) ތިމާގެ ހިތްވަރު ދެމެހެއްޓުމަށްޓަކައި 4 ކަމަކަށް ވިސްނުމެވެ.
ތިބާއަށް އެނގޭތޯއެވެ؟ މިފަދަ އިމްތިޙާނުތަކާއި ހިތާމަތައް ކުރިމަތިވާހިނދު، ޝައިޠާނާ ތިބާގެ ގާތަށް އަންނާނީ ތިބާ އެންމެ ބަލިކަށިވާ ވަގުތުގައެވެ. ޝައިޠާނާ އަންނާނީ ބޭނުންވި ނަތީޖާ ނުނިކުމެ، ދެރަގޮތް ދިމާވާ ވަގުތުގައެވެ. ބައެއްފަހަރު ތިބާ މާ ބޮޑު ނަތީޖާއަކަށް އުންމީދުކޮށްގެން ހުއްޓާ އެކަން އެގޮތަށް ނުވުމުން، ޝައިޠާނާ އައިސް ބުނާނެއެވެ: "އަހަންނަށް އޭނާ (ނުވަތަ އެކަނބުލޭގެ) އަތުޖެހިއްޖެއެވެ. އަހަރެން މިހާރުން މިހާރަށް ވަސްވާސްތައް ދޭން ފަށާނަމެވެ."
ޝައިޠާނާ ދޭނީ ކޮން ވަސްވާހެއްތޯއެވެ؟ "ކަލެއަށް އެ ފުރުޞަތު ގެއްލުނީއެވެ. ކަލެއަށް އެހެން ހެދުމުގެ ފުރުޞަތު އޮތެވެ. ކަލެއަކީ ނާކާމިޔާބު މީހެކެވެ. ކަލެއަށް ލިބުނު ރަން ފުރުޞަތު ކަލޭގެ ރައްޓެހިމީހާ ހާސިލުކޮށްފިއެވެ، އެކަމަކު ކަލެއަށް އެކަން ނުވިއެވެ. ކަލޭ ތިޔަ ކުރަނީ ކީއްހެއްޔެވެ؟ ކަލެއަކީ ނާކާމިޔާބު މީހެކެވެ. އަހަރެން ކަލޭ ގާތު ބުނީމެއްނޫން ހެއްޔެވެ؟"
ނުވަތަ ތިބާ ފޭލްވުމުން ބުނާނެއެވެ: "އަހަރެން ބުނީމެއްނޫން ހެއްޔެވެ؟ ކަލޭގެ އެއްވެސް މޮޅުކަމެއް ނެތެވެ. ކަލޭ ތިޔަ އިނީ ﷲއަށް ތަވައްކުލްކޮށްގެން، ދުޢާކޮށް، ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްގެންނެވެ. އެކަމަކުވެސް ކަލޭ ތިޔަ ފޭލްވީއެވެ. ކަލެއަކީ ބަލިކަށި ނިކަމެކެވެ. ކަލޭ ކީއްކުރަން ﷲއަށް ބަރޯސާވަނީ ހެއްޔެވެ؟ ކަލާނގެއެއް ކިޔާ އެއްޗެއް ނުވެއެވެ."
ތަވައްކުލް ކުރުމުގެ ސަބަބުން ދިރިއުޅުން ބަދަލުކޮށްލާ 4 ކަމެއް: ޑރ އުމަރް ސުލައިމާން 2 އަޚުންނާއި އުޚުތުންނޭވެ! ޝައިޠާނާ ތިބާ ހިފާނީ ހަމަ އެ ދަނޑިވަޅުގައެވެ. ބައެއްފަހަރު ޝައިޠާނާ އައިސް ބުނާނެއެވެ: ކަމަކުން ނާކާމިޔާބުވާހިނދު ވަގުތުން ބުނާނެއެވެ: "ދެން ފެނިއްޖެއްނޫން ހެއްޔެވެ؟ ކަލޭ ތިޔަހާ ގިނައިން ނަމާދުކުރީމެވެ. އެ ހުރިހާ ޝައިޚުން ކަލޭ ގާތު ދެއްކި ވާހަކަތަކުން ވީ ކީއް ހެއްޔެވެ؟ ކަލޭ އަދިވެސް ތިޔަ ފޭލްވީއެވެ. ނަމާދުކުރުން ހުއްޓާލާށެވެ." ޝައިޠާނާ އިންސާނާގެ ބަލިކަށިކަމުގެ ބޭނުން ހިފަނީ އެފަދަ ވަގުތުތަކުގައެވެ.
ނަމަވެސް އަޚުންނާއި އުޚުތުންނޭވެ! ޝައިޠާނާއަކަށް ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ނުވެއެވެ. ކީރިތި ޤުރުއާނުގައި މިކަން ބަޔާންކުރައްވާފައިވެއެވެ. ޤިޔާމަތް ދުވަހުން، އިންސާނާއާއެކު އުފަންވި ޝައިޠާނާ ބުނާނެއެވެ: "އަޅުގެ ވެރިރަސްކަލާނގެއެވެ! އަޅު އެމީހާ މަގުފުރެއްދީއެއް ނޫނެވެ. އެހެނަސް، އެމީހާ އަމިއްލައަށް ހުރީ (ޙައްޤާ) މާ ދުރުގައެވެ." އެމީހުން އަމިއްލަ ނަފްސާ މެދު ކުރިންވެސް ދެކުނީ ގޯސްކޮށެވެ. އެމީހުން ތިބީ މާ ދުރުގައެވެ. "އަޅުގަނޑު ހަމައެކަނި ވަސްވާހެއް ދިނީއެވެ، ދެން އެމީހުން އެ އަޑުއެހީއެވެ."
ﷲ ގަންދީ ބުނަމެވެ، ޝައިޠާނާ އެދުވަހުން އެހެން ބުނާނެއެވެ! އެހެންކަމުން، އަމިއްލަ ނަފްސުގެ މައްޗަށް ބާރު އޮތީ ތިޔަބައިމީހުންނަށެވެ. އެހެންވީމާ، ކުރިން ބުނި 4 ކަމަކީ، ތިމާގެ އެންމެ ފުރިހަމަ މަސައްކަތް ކުރުމަށްފަހު ކަމެއް ދިމާވުމުން ވިސްނަންވީ ކަންކަމެވެ:
1. ﷲ އަހަންނަށްޓަކައި ރޭވުމެއް ރާއްވަވާފައިވެއެވެ.
2. މި ހިތާމައިގެ ތެރެއިން ހެޔޮ ގޮތްތަކެއް މެދުވެރިވާނެއެވެ.
3. މިއީ އަހަރެންގެ އާޚިރަތަށްޓަކައި ކުރެވުނު އިމްތިޙާނެކެވެ. އަހަރެން ފާސްވާނަމެވެ.
4. މިއީ އަހަރެންނަށް ހެދުނު ގޯސްތަކާއި ނިންމުނު ނިންމުންތަކުން ދަސްކުރަން ލިބުނު ފުރުޞަތެކެވެ.
އަމިއްލަ ގޯސް ނިންމުންތަކުން ފިލާވަޅު ލިބުމަކީ ދެރަ ކަމެއް ހެއްޔެވެ؟ އެއީ ގޯސް ކަމެއްތޯ ނުވަތަ ރަނގަޅު ކަމެއްތޯއެވެ؟ ކޮންމެ މީހަކު އަބަދުވެސް ސައްތައިން ސައްތަ ރަނގަޅު ނިންމުންތައް ނިންމާނެ ނަމަ ވާނީ ކިހިނެއްތޯއެވެ؟ އެއީ ވާނެ ކަމެއް ނޫނެވެ، މުސްތަޙީލު ކަމެކެވެ. އިންސާނާ އުފައްދާފައިވަނީ އެގޮތަކަށް ނޫނެވެ.
އެހެންކަމުން، ﷲ އަޅުގަނޑުމެން ބައެއްފަހަރު ގަސްތުގައި ފޭލްކުރައްވަނީ ކީއްވެގެންތޯއެވެ؟ އެއީ އަޅުގަނޑުމެން ދަސްކުރުމަށެވެ. އާދަމްގެފާނު އެ މަނާކުރައްވާފައިވާ ގަހުން ފަރިއްކުޅުއްވީ ކީއްވެގެންކަން ބުނެދެވޭނީ ކާކަށްތޯއެވެ؟ އެކަލޭގެފާނު ފަރިއްކުޅުއްވީ އެކަން މަނާކުރައްވާފައި އޮތުމުންނާއި، އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ﷲއަށް އެކަން ވާނެކަން ކުރިންވެސް އެނގިވޮޑިގަންނަވައެވެ. އަދި އާދަމްގެފާނު އެ ނިންމުން ނިންމަވާނެކަން ދެނެވޮޑިގެން ހުރެ، އެކަމަށް އިޛުނަދެއްވިއެވެ. ސަބަބަކީ އެކަމުގެ ސަބަބުން، އެހެން ގޮތަކުން ދުވަހަކުވެސް ދަސްނުވާނެ ކަމެއް އާދަމްގެފާނަށް ދަސްވުމަށެވެ. އެކަލޭގެފާނަށް ދަސްވީ ފާފަފުއްސެވުމާއި ރަޙްމަތުގެ އަގުބޮޑުކަމެވެ. ފާފަފުއްސެވުމުގެ މާނައަކީ ކޮބައިތޯއެވެ؟ ރަޙްމަތުގެ މާނައަކީ ކޮބައިތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭނުންވާނެ އެންމެ މުހިންމު ދެ ސިފައެވެ. ތިމާއަށް ކުށެއް ކުރެވުމަށްފަހު، މީހަކު ތިމާއަށް މަޢާފުކޮށް، އޯގާތެރިކަން އިޙްސާސްވުމުން ކުރެވެނީ ކޮން ކަހަލަ އިޙްސާސެއްތޯއެވެ؟ މިއީ މީހުންގެ މެދުގައި ގުޅުންތަކާއި ލޯބި އުފައްދައިދޭ ކަމެކެވެ.
- ޑރ އުމަރް ސުލައިމާންގެ ދަރުސަކުން
- މިއަދުނޫސް