ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ސާމާނު ހޯދުމުގައި މީގެ ކުރިން ހަދާފައިވާ ގޯސްތައް ތަކުރާރުވިޔަނުދީ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަފީފު ވިދާޅުވީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރޮކިއުމެންޓް ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
އެމްޑީ އަފީފު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ މެނޭޖްމެންޓުތަކުން ތަކެތި ހޯދުމުގައި އެކަށީގެންވާ ވަރަށް ބަލާފައި ނުވާކަމާއި، އޭގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޮޑިޓްތަކުން ފާހަގަވާކަމަށެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް މިހާރު ވަނީ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ފަށާފައެވެ.
ކުންފުންޏަށް ބޭނުންވާ ފަންނީ ސާމާނު ހޯދުމުގައި އެންމެ އެދެވޭ ގޮތަކީ ސީދާ މެނުފެކްޗަރަރ ނުވަތަ ފަންނީ ތަޖުރިބާ ހުރި އިތުބާރު ހުރި ކުންފުނިތަކުން ތަކެތި ހޯދުން ކަމަށް އަފީފު ވިދާޅުވިއެވެ. ނަމަވެސް މާޒީގައި ޝަރުތު ހަމަނުވާ އަދި ތަކެތީގެ ފެންވަރު ކަށަވަރު ނުކުރެވޭ ފަރާތްތަކުން ޚިދުމަތް ހޯދާފައިވާތީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކައިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ސާމާނު ހޯދައި، ކުންފުނީގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓުމަށެވެ. މި ބަދަލުތަކާއެކު ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިސްރާފު ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.