ފިލިޕީންސް، ނެދަލޭންޑްސް އަދި ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތުތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރިޕަބްލިކް އޮފް ފިލިޕީންސްގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ނީނާ ޕީ. ކައިންޖްލެޓް ފަތްކޮޅު އެރުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެއާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 12 ޖުލައި 1974 ގައެވެ.
ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވެއިބެ ޖޭކޮބް ޑި ބޮއަރ ވެސް ވަނީ މިއަދު ފަތްކޮޅު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުވުމުގައި، އުމްރާނީ ތަރައްޤީއާއި، މޫސުމީ ބަދަލުތައް އަދި އިންސާނީ ޙައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ނެދަލޭންޑްސްއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 3 ސެޕްޓެންބަރ 1979 ގައެވެ.
މީގެއިތުރުން، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ރެމީ ލޮބޭޚް ވެސް ވަނީ މިއަދު ފަތްކޮޅު އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމާއި، ކަނޑުދަތުރުފަތުރާއި، ކަނޑުތައް ހިމާޔަތްކުރުމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ފަރަންސޭސިވިލާތާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 20 މެއި 1969 ގައެވެ.
މިއަދު ފަތްކޮޅު އެރުވި ތިން ސަފީރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބެރު ދުންމާރި ތާޅަފިލީގެ ރަސްމީ އިއްޒަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުހަބާ ދަންނަވައި، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.