ވެލްފެއަރގެ ކަންކަން އާސަންދައަށް ބަދަލުކުރިނަމަވެސް ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގައި އެންސްޕާ އޮންނާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ވެލްފެއަރގެ ކަންކަން އާސަންދައަށް ބަދަލުކުރިނަމަވެސް ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގައި އެންސްޕާ އޮންނާނެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބޭސްފަރުވާއާ ގުޅިގެން ދެމުންދިޔަ ވެލްފެއަރ އެހީގެ ކަންކަން އާސަންދަ ކުންފުންޏަށް ބަދަލުކުރި ނަމަވެސް، ރެގިއުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން އެ ކަންކަން ބެލެހެއްޓުމުގައި އެންސްޕާ ދެމިއޮންނާނެ ކަމަށް އެ އެޖެންސީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެންސްޕާގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ ވިދާޅުވީ، ހެލްތު އިންޝުއަރެންސްގެ ވެލްފެއަރގެ ކަންކަން އާސަންދައިގެ ދަށަށް ބަދަލުކުރި ނަމަވެސް، އެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމުގައި އެންސްޕާއިން އިސް ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚިދުމަތަށް އައި ބަދަލާ ގުޅޭގޮތުން ސުނީތާ އިތުރަށް ވިދާޅުވީ، "އެންސްޕާއިން ދެމުންދިޔަ ވެލްފެއަރގެ ޚިދުމަތްތައް 1 ޖޫން އިން ފެށިގެން ބަދަލުވެގެން ދިޔަނަމަވެސް، 31 މެއި 2026 އާއި ހަމައަށް ލިބިފައި ހުރި ހުރިހާ އެޕްލިކޭޝަންތަކެއް ކުރީގެ ހުރި އިންތިޒާމުތަކުގެ ތެރެއިން އެންސްޕާއިން ޖަވާބުދާރީވަމުންދާނެ" ކަމަށެވެ.

ސަރުކާރުން މި ބަދަލު ގެނައި ނަމަވެސް، އެންސްޕާގެ ދަށުން މިހާރުވެސް ހިންގަމުންދާ އެހެނިހެން އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. އެންސްޕާއިން ބުނި ގޮތުގައި މި ބަދަލާއެކުވެސް އެހީއަށް އެދޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން