އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން އަދި ވިއްކުން މަނާ ބާވަތްތައް ބޭނުންކުރާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް "ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާގުޅޭ ޤަވާއިދު" ސަރުކާރުން އާންމުކޮށްފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މި ޤަވާއިދުގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ހުރިހާ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވާލުމަށް ވަނީ ލާޒިމްކޮށްފައެވެ. މި ޕްލޭން 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެކުލަވާލައި ނިންމަންޖެހޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ޕްލާސްޓިކް ފޭސްއައުޓް ޕްލޭން އެކުލަވާލުމުގައި، ޕްލާސްޓިކް މަދުކުރުމުގެ ސަބަބުން ތިމާވެއްޓަށާއި އިޤްތިޞާދަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކޮށް، ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކުރަން ޖެހެއެވެ. މީގެ އިތުރުން، ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ލިބެންހުރި މިންވަރަށް ބަލައި، މި ބަދަލަށް އާންމުން ހޭލުންތެރިކުރުމަށްވެސް ޤަވާއިދުގައި ވަނީ އަންގާފައެވެ.
މި ޤަވާއިދު ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ޤަވާއިދުގެ ދަށުން، 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މަނާކޮށްފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން އަދި އުފެއްދުން އެކި މަރުޙަލާތަކުގައި މަނާކުރެވޭނެއެވެ.
ޤަވާއިދާ ޚިލާފަށް މިފަދަ ބާވަތްތައް އެތެރެކޮށް، ވިއްކާ ނުވަތަ އުފައްދާ ފަރާތްތައް 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީއަށް ވަނީ ދީފައެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.