ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަޙީދު ރައީސުލްޖުމްހޫރިއްޔާއަށް ގުޅުވައި މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކުރައްވައިފިއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ހާމަކޮށްފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުގައި ހުންނެވި ޝަމްއާން މިއަދު މީޑިއާގައި ވާހަކަ ދައްކަވަމުން، ދާޚީލީ ވަޒީރު ޢަލީ އިޙްސާންގެ މައްޗަށް ކޯޓާތަކުން ފައިސާ ނަގާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. ޝަމްއާން ބުނި ގޮތުގައި މިކަމުގެ މަޢުލޫމާތު މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. ނަމަވެސް، އެސްޓޯނިޔާގައި ހުންނަވައި ރައީސް ދެއްވި ޖަވާބުގައި، ޝަމްއާން މަސައްކަތް ކުރައްވަނީ ވަޒީރާ ދެކޮޅަށް ކަމަށް ތުހުމަތު ކުރެއްވި ކަމަށް އޭނާ ބުނެފައިވެއެވެ.
މި ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، "ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" ކަމަށެވެ. ސަރުކާރުން ވަނީ މިފަދަ ދޮގު މަޢުލޫމާތު ފަތުރާތީ އެކަން ކުށްވެރިކޮށްފައެވެ.
ޝަމްޢާން މީޑިއާގައި މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތިން ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.