ޝައްމާން ވަހީދު 25 އަހަރަށް ޖަލަށްލައި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޝައްމާން ވަހީދު 25 އަހަރަށް ޖަލަށްލައި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު 25 އަހަރުގެ މުއްދަތަކަށް ޖަލަށްލައި، ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ދައުލަތުން ޝައްމާންގެ މައްޗަށް އުފުލާފައިވާ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާތައް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

މިއަދު ބޭއްވި ހުކުމް ކުރުމުގެ އަޑުއެހުމުގައި ޝަރީއަތުން ނިންމީ، ޝައްމާންގެ މައްޗަށް އުފުލި ތިން ދައުވާވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. މި މައްސަލައަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މައިނުއްދީން ހައްޔަރުކޮށް، އޭނާއަށް ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެކެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ވިކްޓިމް މައިނުއްދީން ހައްޔަރުކުރީ އެފަދަ އޮޕަރޭޝަންތަކުގައި އާންމުކޮށް ބައިވެރިވާ މުވައްޒަފުންނެއް ނޫނެވެ. ޝައްމާންގެ ފޮޓޯ އޭނާއަށް ދެއްކުމަށްފަހު، ޝައްމާނަށް ގުޅައި ފައިސާ ނުދީފިނަމަ ދެން ވާނެ ގޮތް ކިޔައިދީ ބިރު ދެއްކިކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. އަދި އޭނާ ކާރަކަށް އަރުވައިގެން ގެންގޮސް، ބިރުދައްކައިގެން އަތުން ފައިސާ ނަގައި ޝައްމާންގެ ގެއަށް ގެންދިޔަކަން ވެސް ހެކިތަކުން ކަށަވަރުވެއެވެ.

ޝަރީއަތުން ކަނޑައެޅި ގޮތުގައި މި ހުރިހާ ކަމެއް ހިންގާފައިވަނީ ޝައްމާންގެ ސީދާ ބެލުމުގެ ދަށުން، އޭނާ "ރިއަލްޓައިމް" ކޮށް ދެމުންދިޔަ އިރުޝާދުތަކާ އެކުގައެވެ. މިއީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ޖިނާއީ ބޮޑު އަމަލެއްގެ ގޮތުގައި ޝަރީއަތުން ވަނީ ސިފަކޮށްފައެވެ.

މި މައްސަލައިގައި ޝައްމާންއާއެކު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ވެސް ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދައި، ކުށަށް އިއުތިރާފުވެ ލުއި އަދަބެއް ހޯދާފައެވެ. ޝައްމާންގެ މައްޗަށް ކުށް ސާބިތުވުމުގައި މި މުވައްޒަފުން ކްރިމިނަލް ކޯޓުގައި ޝައްމާނާ ދެކޮޅަށް ދިން ހެކިބަސް މުހިންމު ދައުރެއް އަދާކުރިއެވެ.

މި ހުކުމާއެކު ޝައްމާން ވަނީ ވަގުތުން ޖަލަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި ފަސް ލައްކަ ރުފިޔާ، ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ހުކުމުގައި ވަނީ އަންގާފައެވެ.

މިއަދު އޮންލައިން