ދެމަފިރިންގެ މެދުގަ މަކަރުހެދުމާ ބޭވަފާތެރިވުން އޮތްނަމަ އެކަމުގެ އަސަރު ދިރިއުޅުމަށްކުރާނެ! އުފާވެރިކަން ގެއްލި ކަންބޮޑުވުންތައް ގިނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެމަފިރިންގެ މެދުގަ މަކަރުހެދުމާ ބޭވަފާތެރިވުން އޮތްނަމަ އެކަމުގެ އަސަރު ދިރިއުޅުމަށްކުރާނެ! އުފާވެރިކަން ގެއްލި ކަންބޮޑުވުންތައް ގިނަވާނެ!

ދެމްފިރިން އެކުގައި އުޅުނަސް އުފާވެރިކަން ނުލިބޭނަމަ އެއޮތީ ވިސްނަން ޖެހިފައެވެ. މައްސަލަ ދެނެގަނެ ޙައްލުކުރަން މަސައްކަތްކުރަން ޖެހިފައެވެ. 

ޒަވާޖީ ހަޔާތުގެ އުފާވެރިކަން ގުޅިފައިވަނީ އެއްވެސް ޙާލެއްގައި ދިރިއުޅޭ ގޭގެ ބޮޑުމިނާއި ފުރިހަމަކަމަކަށް ނޫނެވެ. ކިތަންމެ ކުޑަކުޑަ ގެއެއް ނަމަވެސް ހުރިހާ ގޮތަކުން ސާފުތާހިރުކުރެވިއްޖެނަމަ އެއީ ގަނޑުވަރެއް ފަދަ ތަނަކަށް ހެދިދާނެއެވެ.  

ހުރިހާ ގޮތަކުން ސާފުތާހިރުކުރުމުގެ މާނައިގައި ތަފާތު ދެކަމެއްވެއެވެ. އެއްކަމަކީ ގޭތެރެ ސާފުކުރުމާއި ތަރުތީބުކުރުމެވެ. އެއީ ޢާންމު މާނައެވެ. ދެވަނަކަމަކީ އެގޭގައި ކުރާ ކަންތައްތަކާއި ގޭގައި ދިރިއުޅޭ މީހުން ކުރާ ކަންތައްތަކަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސާފު ޠޯހިރު ކަންތައްތައް ކަމުގައި ހެދުމެވެ.  

ބުނަންހެއްޔެވެ؟ ގޭގައި ކަނީ ޙަލާލު ތަކެތިކަމަށް ހަދައިފިނަމަ ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އެއިރުން ކިތަންމެ މަދުން ކާންޖެހުނަސް ފުދޭނެއެވެ. އަދި ކިތަންމެ އާދައިގެ ތަކެތި ކެއިނަމަވެސް ހަށިގަނޑަށްވެސް ފައިދާކުރާނެއެވެ.

ހަމައެއާއިއެކު ޙަލާލް ނޫން ގޮތްގޮތަށް ހޯދާ ތަކެއްޗާއި ރިބާގެ ފައިސާއަށް ހޯދާތަކެތި ކައިއުޅޭނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ކުރިމަތިވާ މުޞީބާތްތައް ގިނަވާނެއެވެ. ބަލިމަޑުކަންވެސް ގިނަވާނެއެވެ. ގޭގައި ހަމަޖެހުމެއްވެސް ނުއޮންނާނެއެވެ.  

ހަމައެފަދައިން ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ރަނގަޅު ގޮތުގައި ބާއްވައިގެން ދިރިއުޅޭނަމަ އެގެއަކަށް އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. ދެމީހުންގެ ހިތުގައި ޙަސަދަވެރިކަންލައި އެކަކު އަނެކަކަށް މަކަރުހަދާނަމަ އެގެއެއްގައި އެއްވެސް ހަމަޖެހުމެއް ނުއޮންނާނެއެވެ. އުފާވެރިކަމެއްވެސް ނުއޮންނާނެއެވެ. ދެމަފިރިންކުރެ އެކަކު ނަމަވެސް ޚިޔާނާތްތެރިވާނަމަ އެކަމުގެ ސަބަބުން މުޅި ގޭގެ އުފާވެރިކަން ގެއްލިގެންދެއެވެ. ހީވެސް ނުކުރެވޭފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.  

އަދި ކީއްހެއްޔެވެ؟ މިކަންކަން ބޮޑުވެ ގޭގައި މަޑުކުރަން ފޫހިވާ ޙާލަތަށް ކަންކަން ދާނެއެވެ. ވީމާ އެޙާލަތަށް ދިއަނުދޭށެވެ. އެޙާލަތަށް ދިއަނުދީ ސަލާމަތްވެ ތިބެން ކުރަންވީ ކަންކަން މިކިޔައިދިނީއެވެ. ޢަމަލުކުރަން މަސައްކަތްކުރާށެވެ! ކާމިޔާބުވާނެއެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- -މަޢުލޫމާތު : ހީނާ ޚާން-މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން