ޔާ ﷲ! މިއަޅާއަށް އެނގިގެން އެއްވެސް މީހަކަށް ދެރައެއް ނުދެމެވެ. މިއަޅާ ޙަސަދަވެރިވާ މީހަކުވެސް ނުހުންނާނެއެވެ. އެހެންކަމާއިއެކުގައިވެސް މިއަޅާގެ މައްޗަށް ޙަސަދަވެރިވެ ދެރަދޭން އުޅޭ އެންމެންގެ ކިބައިން މިއަޅާއަށް ސަލާމަތާ ރައްކައުތެރިކަން ދެއްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ކުރިމަތީގައި މިއަޅާދެކެ ލޯބިވާކަމަށް ހެދިގެން ހިނިތުންވަމުން މިއަޅާއަށް ދެރަގޮތްގޮތް މެދުވެރިވުމަށް އެޑޭ އެންމެންގެ ކިބައިންވެސް މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ މޮޅުކަމުން މިއަޅާއަށް ހޯދިފައިވާ އެއްވެސް ކަމެއް ނެތެވެ. މިއަޅާއަށް ލިބިފައިވާ ކޮންމެ ނިޢުމަތެއްވެސް ލިބިފައިވަނީ އިނބަ ﷲ ގެ ޙަޟްރަތުންނެވެ. އެހެންކަމާއިއެކުވެސް މިއަޅާއަށް ދެއްވަވާފައިވާ ނިޢުމަތަށް ޙަސަދަވެރިވާ އެންމެންގެ ކިބައިން މިއަޅާއަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ!
ޔާ ﷲ! ޙަސަދަވެރިންގެ ހަސަދައާ އެސްފީނާއިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ!
ޔާ ﷲ! ކޮންމެ ކަމެއްގައިވެސް މިއަޅާ ވާގިއެދެނީ އިނބަ ﷲ ގެ ޙަޟްރަތުންނެވެ. އިނބަ ﷲ ގެ ޙަޟްރަތުން ފިޔަވައި މިއަޅާއަށް އެއްވެސް ކަމަކުން ސަލާމަތާއި ރައްކައުތެރިކަމެއް ނެތެވެ! ޔާ ﷲ! މިއަޅާގެ ދުޢާ ޢިޖާބަކުރައްވަވާނދޭވެ!
- މުފްތީ މެންކުގެ ދަރުސަކުން