ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބެން އޮތަސް ތަނަވަސްކަމުގެ ދަހިވެތިކަމުގަ ބައިވެރިޔާ ތިއަނިކަމެތިކޮށްލަނީ ކިތައް އަހަރު އުފަލުގަ ހުންނަންތަ؟ ނިކަން މިޙަޤީޤަތަށް ވިސްނަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބެން އޮތަސް ތަނަވަސްކަމުގެ ދަހިވެތިކަމުގަ ބައިވެރިޔާ ތިއަނިކަމެތިކޮށްލަނީ ކިތައް އަހަރު އުފަލުގަ ހުންނަންތަ؟ ނިކަން މިޙަޤީޤަތަށް ވިސްނަބަލަ!

"އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއި 5 ދަރިން ބާކީކޮށް އެއްލައިލީ ތަނަވަސް އަންހެނެއްގެ ތަނަވަސްކަމަށް ދަހިވެތިވެގެންނެވެ. އޭނާއަށް ތަނަވަސްކަން ލިބުނެވެ. އެކަމަކު އުފަލުގައި އުޅެވުނީ އެންމެ 3 އަހަރުއެވެ. ސްޓްރޯކެއްޖެހިފަ ހޭނާރާއޮވެ މަރުވީއެވެ." 

"އަޅުގަނޑުގެ އަނބިމީހާއަށް ތަނަވަސް ލޯބިވެރިއަކު ލިބުމުން 3 ދަރިން އަޅުގަނޑުގެ ބޮލަށްޖަހާފައި ގެއިން ނުކުމެގެން ދިއައީ ވަޒީފާއަށް ދަމުން ދަރިން ބެލޭނެ އެއްވެސް ގޮތެއް އަޅުގަނޑަށް ނެތިއެވެ. އަވަށްޓެރިއަކު އެހީނުވިނަމަ އަޅުގަނޑުމެން 4 ބަފައިންނަށް މެދުވެރިވާނެ ގޮތް ނުވެސް އެނގެއެވެ. ތަނަވަސް ބައިވެރިޔާއާއިއެކު އުޅެންފެށިތާ 3 ވަނަ އަހަރު އަކުނިވަޔަށް ދަމައިގަތްގޮތަށް އެހެން އޮވެ މަރުވީއެވެ."  

މިއީ ކިޔުންތެރިންގެ ވާހަކަތަކެވެ. ދަރުސް ވިދާޅުވެލައްވާށެވެ!  

ދުނިޔޭގެ ހުރިހާ ބޭނުންތަކެއް ފުދިގެން އުޅޭ ދެމަފިރިއެއްގެ ގާތުގައި ސުވާލުކޮށްލި ނަމަވެސް ދިރިއުޅުމުގައި ކޮންމެވެސް މައްސަލަތަކެއް އެބަހުރިކަމަށް ބުނާނެއެވެ. ޝަކުވާތަކެއް ކުރާނެއެވެ. އެހެން އެވަނީ ތަނަވަސްކަން އިތުރުވާވަރަކަށް އަދި އެއަށްވުރެ ގިނައިން ބޭނުންވާތީއެވެ. ﷲ ތަޢާލާ ތިމާމެންނަށް ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިނުވެވޭތީއެވެ.  

ކޮންމެ ދެމަފިރިއަކުވެސް ހަނދާނުގައި ބަހައްޓަންވީ ދުނިޔޭގައި ހޭދަކުރާ ޙަޔާތަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫންކަމެވެ. އަދި އެއީ ދާދިކުޑަކުޑަ ހިނދުކޮޅެއްގެ ކަމެއްކަމެވެ. ނިކަން ވިސްނައިލަބަލާށެވެ! އެވްރެޖް ޢުމުރަކީ 70 އަހަރު ކަމަށް ބެލިނަމަވެސް އެއީ ކޮންއެއްޗެއް ހެއްޔެވެ؟ ހަމައެކަނި އާޚިރަތް ދުވަހަށް ބެލިނަމަވެސް އެއީ 50،000 އަހަރުގެ އެންމެ ދުވަހެކެވެ.

އެހެންކަމަށްވާއިރު އުޚުރަވީ ޙަޔާތުގެ ދިގުމިނަށް ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ ޙަޔާތް އެހައިކުރެވެ. ބަރުޒަޚުގައި ހޭދަކުރަންޖެހޭ ޙަޔާތުގެ ދިގުމިނަކީ ޤިޔާމަތްވުމާއި ހަމައަށެވެ. ޤިޔާމަތްވުމަށްފަހު ދެން އޮތް ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތެކެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެ ހިތާމަތައް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ތަނަވަސްކަމަށް ހެއްލެވި ތަނަވަސް ދިރިއުޅުމަކަށް ބަދަލުވާން ބޭނުންވެގެން ކައިވެނި ރޫޅާލަމުން ގެންދާތީއެވެ. ބައެއްފަހަރު ފިރިހެނުންނެވެ. އަނެއްބައި ފަހަރު އަންހެނުންނެވެ.  

ތަނަވަސް ދިރިއުޅުމަކަށް ދަހިވެތިވެގެން ބައިވެރިޔާއަށް އެހައި ބޮޑު އަނިޔާއެއް ތިއަދެނީ ލިބޭ ތަނަވަސްކަމުގައި ކިހައިދުވަހަކު ދުނިޔޭގައި އުޅެވޭނެކަމަށް ބަލައިގެން ހެއްޔެވެ؟ އެވްރެޖް ޢުމުރަކީ 70 އަހަރުކަމަށް ބެލިނަމަވެސް އެއިގެ މާކުރިން ދުނިޔެ ދޫކުރަންޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! ދުނިޔޭގެ ތަނަވަސްކަމަށް އެދި އެކަމުގެ ދަހިވެތިކަމުގަ ބައިވެރިޔާއަށް އަނިޔާވެރިނުވާށެވެ! ހިތުގައި ނުޖައްސާށެވެ! ކަރުނައަޅަން ނުޖައްސާށެވެ! އާޚިރަތް ލިބިގަންނަން ދެމަފިރިން އެކުގައި ކުރާ މަސައްކަތްތައް ގިނަކުރާށެވެ! ސުވަރުގެއާއި ސުވަރުގޭގެ ނިޢުމަތްތައް މާތަނަވަސްވެފައި މާފުރިހަމަވާނެއެވެ. އެކަންކަމަށް ދަހިވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން