ވައްކަންކުރުމަކީ ބޮޑުފާފައެއްގެ އިތުރަށް މީހުންގެ ޙައްޤުތަކަށް އަރައިގަނެވޭ ކަމެއް! ފާފައިގެ ޖަޒާ ލިބުމުގެ އިތުރަށް ބަދަލުވެސް ދޭންޖެހޭނެ ކަމެއް!

ކިޔުމަށް ހޭދަވާނީ 4މ 38ސ
ވައްކަންކުރުމަކީ ބޮޑުފާފައެއްގެ އިތުރަށް މީހުންގެ ޙައްޤުތަކަށް އަރައިގަނެވޭ ކަމެއް! ފާފައިގެ ޖަޒާ ލިބުމުގެ އިތުރަށް ބަދަލުވެސް ދޭންޖެހޭނެ ކަމެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

ފުލުހުންގެ ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފާއިތުވި 5 މަސްދުވަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 1,492 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މަހަކަށް 300 މައްސަލައާއި ގާތްކުރާ ޢަދަދެކެވެ. ގިނަ ބައަކު ރިޕޯޓްނުކުރާތީ އަޞްލު ޢަދަދު ދެގުނަވާނެ ކަމަށް ބެލެވެއެވެ. އެހެންވެ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.

ވައްކަން ކުރުމަކީ ބޮޑު ފާފައެކެވެ. މީހުންގެ ޙައްޤުތަކަށް އޭގެ ސަބަބުން އަރައިގަނެވޭކަން އެއީ ފާފަ ބޮޑުވެގެންދާ އެއް ސަބަބެވެ. ފާފައަށް ޢަޛާބުލިބުމުގެ އިތުރަށް ބަދަލުވެސް ދޭންޖެހޭނެ ކަމެކެވެ. 

ސަޢްދު ބުން އަބީ ވައްޤާޞް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ދުޢާ އިޖާބަ ކުރެވޭ ފަދަ މީހަކަށް ވޭތޯ ދުޢާކޮށް ދެއްވާށެެވެ. އެހިނދު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. 

يا سعد ، أطب مطعمك، تكن مستجاب الدعوة، والذي نفس محمد بيده إن العبد ليقذف بلقمة الحرام في جوفه فلا يقبل منه عمل أربعين يومًا

މާނައީ: އޭ ސަޢްދުގެފާނެވެ. ކަލޭގެފާނު ފަރީއްކުޅުއްވާ ތަކެތި ރަނގަޅު ޙަލާލު ތަކެތި ކަމުގައި ހައްދަވާށެވެ. އެއިރުން ދުޢާ އިޖާބަ ކުރެއްވޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ވާނެއެވެ. ފަހެ އެކަލާނގެ ޔަދު ޤުދުރަތްފުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ ރަސްކަލާނގެ ރަސްކަންފުޅު ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން އިންސާނާ ޙަރާމް ގޮތުގައި އޭނާގެ އެތެރެހައްޓަށް ފޮނުވާލާ ކުޑަ މިންވަރުގެ ސަބަބުން ސާޅިސް ދުވަސް ވަންދެން އޭނާގެ ކިބައިން އަޅުކަން ޤަބޫލު ނުކުރެވޭ ހުއްޓެވެ." 

ވައްކަން ކުރުން ޢަރަބި ބަހުން ނަމަ (سرق) ގެ ޢަރަބި ބަހުގައި ޢާއްމު މާނައަކީ ސިއްރުން އެއްޗެއް ނެގުމެވެ. އިޞްތިލާޙީ މާނައަކީ އެހެން މީހެއްގެ މުދަލެއް ރައްކާތެރިކުރެވިފައި ވަނިކޮށް އެމީހަކަށް ނޭނގި ސިއްރުން ނެގުމެވެ.  

މި ޙަދީޘުފުޅުގައި ބަޔާން ކުރައްވާފައިވާ ފަދައިން ޙަރާމް ތަކެތި ހޯދާ ނަމަ ދުޢާ އިޖާބަ ނުކުރައްވައެވެ. އަދި އެއީ ބިރު ހުރި ކަމެކެވެ. އެހެންކަމުން ޙަރާމް ތަކެތި ކެއުމާއި ލައި އުޅޭ ފޭރާމާއި ހޯޑާ މުދަލަކީ ރަނގަޅު ޙަލާލް ތަކެތި ކަމުގައި ވާން ޖެހެއެވެ. 

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ ‎﴿٣٨﴾‏

މާނައީ: ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. (38)

މިއާޔަތުގައި ﷲ ތަޢާލާ ވައްކަން ކުރާ މީހުންގެ ޙުކުމް ބަޔާން ކުރައްވާފައިވެއެވެ. އަދި ޖެހިގެން އައި އާޔަތުގައި އެކަމަށް ތައުބާ ވެއްޖެނަމަ ފާފަ ފުއްސަވާނެ ވާހަކަވެސް ބަޔާން ކުރައްވައެވެ. ﷲ ތަޢާލާ އަކީ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.  

فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿٣٩﴾‏

މާނައީ: ފަހެ، އަނިޔާވެރިވުމަށްފަހު، (އެބަހީ: ވައްކަންކުރުމަށްފަހު) توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. (39)

 

މިއަދު އޮންލައިން