މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތު އިސްކުރުމަށް: ސަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތު އިސްކުރުމަށް: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ބޭނުންފުޅުނުވާ ކަމަށާއި، އެ މަގާމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ މަސްލަހަތު އިސްކުރުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިފަދައިން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ބޭނުންނުވާ ވަރަށް ގިނަ ސަބަބުތަކެއް ހުރި ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އެ މަނިކުފާނަކީ ވަރަށް ބުރަކޮށް އުޅޭ، އަމިއްލަ މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ވިޔަފާރިއާ އަމިއްލަ ކަންތައްތަކަށް ވުރެ މި ގައުމު އެ މަނިކުފާނަށް މުހިންމު ކަމަށާއި، ގައުމަށްޓަކައި ހިދުމަތްކުރުން އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމު ކަމުގައި ސަލީމް ވިދާޅުވިއެވެ.

"ހަގީގަތުގަ ދަންނަވާ ނަމަ އަޅުގަނޑު ވެސް މަޖިލީހުގެ ނައިބު ރައީސް ކަމެއް ބޭނުމެއް ނޫން އިނގޭ. އެހެން ނަމަވެސް މިއަދުގެ ހާލަތާ، މިއަދުގެ ޕާޓީގެ މަސްލަހަތާ، ޕާޓީގެ އެކުވެރިކަމާ ޕާޓީގެ ގުޅުން ބަދަހި ކުރުމައްޓަކާ، ވަރުގަދަ ކުރުމައްޓަކާ އަޅުގަނޑު މި މަގާމާ ހަވާލުވީ، އެހެން ނޫން ނަމަ އަޅުގަނޑު ވެސް ބޭނުން މަގާމެއް ނޫން މިއަކީ"، ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމާއި ހަވާލުވުމުން މަޖިލީހުގެ އިދާރާއިން އެ މަނިކުފާނަށް ކާރަކާ ހަވާލުވުމަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އިންކާރު ކުރައްވައި، އަބަދުވެސް އޮފީހަށް ދާ އުސޫލުން މީހެއްގެ ސައިކަލު ފަހަތުގައި މަޖިލީހަށް ދާނެ ވާހަކަ ވިދާޅުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން