ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ރާއްޖެއަށް ގެންނަވަމުންދާ އިޤްތިޞާދީ ބަދަލުތަކަކީ ބައިނަލްއަޤްވާމީ ދުނިޔެއިންވެސް ބަލައިގަންނަ، އަދި ރާއްޖޭގެ ރައްޔިތުންނަށް އިންތިހާއަށް ފައިދާހުރި ސިޔާސަތުތަކެއް ކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޒަމީރު މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޒަމީރުގެ ވާހަކަފުޅުގައި، 2022 އަދި 2023 ވަނަ އަހަރާ ހަމައަށް ދިޔައިރު ރާއްޖެ ބަނގުރޫޓުވުމުގެ ބިރު އޮތް މިންވަރު ފާހަގަކުރެއްވިއެވެ. އެ ދުވަސްވަރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން ބައެއް ފަރާތްތަކުން ވަޒީފާގައި ތިބެންވެސް ޖެހިލުންވިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އައިއެމްއެފްގެ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިނުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ރައީސް ނިންމެވި ނިންމެވުމަކީ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ދަރަނި ނުދެއްކޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ހިތްވަރާއި ހަރުދަނާ ޕްލޭންގެ ދަށުން މިހާތަނަށް އެއް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައިވާކަން ޒަމީރު ހާމަކުރެއްވިއެވެ. "ވެރިކަމުގެ ފުރަތަމަ ދެއަހަރާ ބައިގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުނު އެއްވެސް ސަރުކާރެއް ނެތް،" ޒަމީރު ވިދާޅުވިއެވެ.
ސަރަޙައްދީ ޤައުމުތަކުގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކަށް އަލިއަޅުއްވާލައްވަމުން ޒަމީރު ވިދާޅުވީ، ފާއިތުވި ތިން މަސްދުވަހު އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދު ދަށަށް ގޮސްފައިވާއިރު، ރާއްޖެއިން ފެންނަނީ އެފަދަ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށްދާ މަންޒަރު ކަމަށެވެ. މިއީ ރައީސްގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާއި ދަތިތަކުގެ ތެރޭގައިވެސް ރާއްޖޭގެ ފިޗް ރޭޓިން މަތިވެގެން ދިއުމަކީ ރައީސް ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުތަކުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ ޒަމީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.