ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ފަސް ރަށެއްގެ ކައުންސިލާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން މިއަދު ހަވާލުކޮށްފިއެވެ.
މި ފިޔަވަހީގެ ދަށުން ޕަންޕުތައް ހަވާލުކުރެވުނު ފަސް ރަށަކީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ. ފެރިދޫ އަދި ތ. ކަނޑޫދޫ އެވެ. މިއީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރަށްރަށުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ރަށަކަށް ދެ ޕަންޕާއި އެކްސެސެރީޒް ފޯރުކޮށްދެވޭނެއެވެ. އެން.ޑީ.އެމް.އޭ އިން ބުނިގޮތުގައި މި ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ، މީގެ ކުރިން އެ އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށެވެ.
މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތެރޭގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެން.ޑީ.އެމް.އޭ އިން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ދެވަނަ ބުރުގައި ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުލިގަން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެއްދޫ، ގދ. ހޯޑެއްދޫ އަދި ގދ. ކަނޑުހުޅުދޫ ހިމެނެއެވެ.