މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކައިފިއެވެ. މިއީ ކޮންމެ ކުއާޓަރއެއް ނިމުމުން އެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކާ ސުވާލުކޮށްގެން އެމްއެމްއޭއިން ތައްޔާރުކުރާ ރިޕޯޓެކެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވަނީ ބިޒްނަސް ސާވޭގެ ބައިވެރިންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ވަނީ ކުރިއަރާފައެވެ. އެގޮތުން، ވިޔަފާރި ކުރެވުނު މިންވަރު ދައްކުވައިދޭ 'ވޮލިއުމް އޮފް ސޭލްސް އިންޑެކްސް' 24 ޕޮއިންޓް އިތުރުވެ، 4 އަށް ވަނީ އަރާފައެވެ.
މި ކުއާޓަރުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް އައި ބަދަލުތަކަށް ބަލާއިރު، މުވައްޒަފުންގެ އަދަދު ދައްކުވައިދޭ އިންޑެކްސް 1 ޕޮއިންޓް އިތުރުވެ 70 އަށް ވަނީ އަރާފައެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ދެވޭ މުސާރައާއި މަސައްކަތުގެ އެހެނިހެން ޚަރަދުތަކާ ގުޅޭ އިންޑެކްސް 67 ޕޮއިންޓް އިތުރުވެ 80 އަށް ވަނީ މަތިވެފައެވެ.
ވިޔަފާރިތަކަށް މުދާ ހޯދުމާއި ވިއްކުމަށް ހިނގި ޚަރަދުތަކަށް ބަލާއިރު، 'ކޮސްޓް އޮފް ސޭލްސް އިންޑެކްސް' 95 ޕޮއިންޓުގެ ބޮޑު ކުރިއެރުމަކާއެކު 68 އަށް ވަނީ މަތިވެފައެވެ. ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ 78 އިންސައްތަ ފަރާތުން ވަނީ ވިޔަފާރީގެ ޚަރަދުތައް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.
ޚަރަދުތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، މުދާ ވިއްކާ އެވްރެޖް އަގުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މުދާ ވިއްކާ އެވްރެޖް އަގުތައް ދައްކުވައިދޭ އިންޑެކްސް 106 ޕޮއިންޓް އިތުރުވެ 66 އަށް ވަނީ އުފުލިފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.