މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމުގެ ގަވާއިދު ގެޒެޓްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމުގެ ގަވާއިދު ގެޒެޓްކޮށްފި

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި އުސޫލުތައް ބަޔާންކުރާ "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ. 2026 ޖޫން 9 ވަނަ ދުވަހު ޝާއިއުކުރި މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ ސަބަބުން މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ހޯދުމާއި، އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތުގެ ސާފު އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ. ގަވާއިދުގައިވާ ގޮތުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި ސަލާމަތީ ކަންކަމަށް ރިއާޔަތްކުރަންޖެހެއެވެ.

ކުޑަކަމުދާ އެއްޗެހި ނެގުމާ ގުޅޭގޮތުން މި ގަވާއިދަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަވެގެން ދިއުމެވެ. މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތްތަކަށް ސާމްޕަލް ދިނުމަށް އެންގޭނެ ހާލަތްތަކާއި، ސާމްޕަލް ނެގުމާއި ތަހުލީލުކުރުމަށް ލެބޯޓްރީއަށް ފޮނުވުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް މި ގަވާއިދުގައި ތަފުސީލުކޮށްދީފައިވެއެވެ.

ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުމާއި، އޮޕަރޭޝަންތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން މި ގަވާއިދުން ލާޒިމުކުރެއެވެ. އަދި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދު ޝާއިއުކުރުމާއެކު މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މިއަދު އޮންލައިން