ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަޠީބުންގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި އެ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ 5 ވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، ސްކޫލުގައި އުޅޭ ކުދިން އެކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭއިރު، 18 އަހަރު ނުފުރޭ ކުދިން ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ތަމްރީނުތައް ކުރިއަށްދާނީ ފޭސް-ޓު-ފޭސްކޮށް މާލޭގައެވެ. ނަމަވެސް، ރަށްރަށުގައި އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން މާލެ އައިސް ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިއު ނިންމައި، ހުރިހާ ތަމްރީނު ސެޝަންތަކަށް ޙާޟިރުވެ، ލިޔުމުގެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށެވެ. ވީމާ، މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެވުޒާރާއިން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިއަދު އޮންލައިން