ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ. އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް (8.4 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ ފަހަކަށް އައިސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު އެންމެ ބޮޑު އެއް ޝިޕްމަންޓްކަންވެސް އެ އިދާރާއިން ފާހަގަކުރައްވައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަނެވުނު ތަކެއްޗާއި، އެތަކެތި އެތެރެކުރި މީހާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ.