ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، އެ މަގުގައި އައު ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މި ފިޔަވަހީގައި ހިމެނެނީ ފޭސް 1ގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެކެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ސެގްމެންޓް 2، 3 އަދި 4ގެ މަސައްކަތްތަކެވެ. މި ސެގްމެންޓްތަކުގައި އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ.

މީގެ އިތުރުން، މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށީގެ 463 މީޓަރުގެ ސަރަޙައްދެއްގައި ކެޕިން ބީމް އެޅުމުގެ މަސައްކަތާއި، 150 މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ ފެންވަރު ރަނގަޅުވެ، ފެނާއި ނަރުދަމާގެ ނިޒާމަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން