މިޘާލެއް ބުނެލާނަމެވެ. ބައެއް މީހުންނަށް އެއްވެސް ދީނެއްވެސް ޤާނޫނެއްވެސް ކަމުދާކަމަކަށް ނުވެއެވެ. އެއީ އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅުން ހުއްދަނުވާތީއެވެ. ހަމައެގޮތަށް ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދަން ޢަމަލުކުރަންޖެހޭ އުޞޫލުތައް ޤަބޫލުނުކުރާ ބައަކުވެސް އުޅޭނެއެވެ. އެއީ އޭނާގެ ހިތަށް އެފަހަރަކު އެރި ގޮތަކަށް ކަންކަންކުރަން ބޭނުންވާތީއެވެ.
ގިނަ ފިރިހެނުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަނބިމީހާއަށް އޭނާ ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންކަން ބުނެދޭނަމަ އަނބިމީހާ ރުޅިއަންނާނެ ކަމަށެވެ. ފޫހިވެ ތިމާއާއި ވަކިވެގެން ހިނގައިދާނެ ކަމަށެވެ.
ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ބަޔާންކޮށް ގައިޑްލައިނެއް ނުވަތަ އިންތަކެއް ކަނޑައެޅުމުން ރުޅިއަންނާނީ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނުވާ، ރިވެތި ދިރިއުޅުމެއް އުޅެން ބޭނުންނުވާ އަންހެނުންނެވެ. ރިވެތި ދިރިއުޅުމެއް އުޅެންބޭނުންވާ އަންހެނުން އެކަމަށް ކުރާނީ އުފަލެވެ.
ސަބަބަކަށްވަނީ އެއްވެސް އިންތަކެއް ކަނޑަނާޅައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިފިނަމަ އެއިގެ މާނައަކީ އޭނާ ދެކެ ލޯބިނުވާކަމެވެ. ލޯބިވާނަމަ ހިފެހެއްޓުންތަކެއް ހިފަހައްޓާނެތީއެވެ. އުޅޭނެހައި ގޮތަކަށް އުޅެން، ކުރާނެހައި ކަމެއްކުރަން ދޫކޮށްނުވާނެތީއެވެ.
ވިސްނާލަންޖެހޭނެ އެހެންކަމެއްވެސް އެބައޮތެވެ. އެކަމަކީ ހަމައެކަނި އަނބިމީހާ އިންތަކެއްގެ ތެރޭގައި ހިފެހެއްޓުމަކީ ޙައްލެއް ނޫންކަމެވެ. ދެމަފިރިންވެސް އިންތައް ހިފަހއްޓަންޖެހޭނެއެވެ. ވީމާ ކައިވެންޏަށްފަހު ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ދެމަފިރިންވެސް ޢަމަލުކުރާނެ ގައިޑްލައިނެއް ކަނޑައެޅުމެވެ. ގިނަ ބައަކު މިހާރު އިންތައް ކަނޑައަޅަނީ ކައިވެނީގެ ކުރިންނެވެ. ލިޔެ ސޮއިވެސް ކުރެއެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ ލައިން ހުރަސްކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި ޙާލަތު ދެމީހުންވެސް އެއްބަސްވާގޮތަކަށް ކަނޑައަޅައި ޢަމަލުކުރުމުންނެވެ.
މިގޮތަށް ބުނަން މިޖެހެނީ އިންތަކާއިމެދު މަޝްވަރާކުރެވިފައި ނެތްނަމަ، އެއީ މާމުހިންމު ކަމެއް ނޫން ކަމެއްކަމަށްވިސްނި ކުރެވޭ ކުޑަކުޑަކަމަކީ އަނެކާއަށް ވަރަށް ބޮޑު ކަމަކަށްވެ މައްސަލަ ހޫނުވެ ދެރަގޮތްތައް މެދުވެރިވާތީއެވެ. ކުޑަކުޑަ ކަމަށް ހީކުރެވުނު ކަންތަކަކީ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބަކަށްވެސް ވެގެންދާތީއެވެ.
އެކުވެރިންނޭވެ! މިހިރީ ވަރަށް އާދައިގެ ކަންކަމެވެ. ނަމަވެސް ވަރަށް މުހިންމު ކަންކަމެވެ. ދެމަފިރިން ލޯބިން އުފަލުގައި ޒަވާޖީ ޙަޔާތް ހޭދަކުރަން ބޭނުންވާނަމަ ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ.
--ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން