ޙާލެއްގަވާ މީހުންނަށް އެހީތެރިވުމަށް ދޭންޖެހޭ ސަމާލުކަން ނިކަން ދެކިބަލަ! ނަމާދަށްވުރެވެސް އިސްކަންދޭންޖެހޭ ޙާލަތު ކުރިމަތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޙާލެއްގަވާ މީހުންނަށް އެހީތެރިވުމަށް ދޭންޖެހޭ
ސަމާލުކަން ނިކަން ދެކިބަލަ! ނަމާދަށްވުރެވެސް އިސްކަންދޭންޖެހޭ ޙާލަތު
ކުރިމަތިވޭ!

 

މިއަދުގެ ޢާންމު ޙާލަތަކީ މުސްކުޅިއަކު ނުވަތަ ބަލިމީހަކު ތަންކޮޅެއް މަޑުން ހިނގަމުން މަގުހުރަސްކުރާވަޤުތު އޭނާއަށް ފުރުޞަތުދޭން މަޑުޖައްސައިލުންވެސް މިއޮންނަނީ ބޮޑުކަމަކަށްވެފައެވެ. މިއީ އަތުން އެއްޗެއް ދޭންޖެހޭ ކަމެއްވެސް ނޫނެވެ. ހަމައެކަނި މިނިޓެއް ދެމިނިޓެއްހައިއިރު މަޑުކޮށްލަން ޖެހޭ ކަމެވެ. އެކަމަށްވެސް ކެތްތެރި ނުވެވި ބަރުގޮނުއަޅާ މީހުން މަދެއް ނޫނެވެ.

(މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އަށަގެންފައިވާ ނުބައި އާދައެކެވެ. މަޑުޖައްސާލަން ބޭނުންނުވެ ބާރުސްޕީޑްގައި ގޮސް ބޮޑެތި އެކްސިޑެންޓްތައްވެ މީހުންގެ ފުރާނައަށްވެސް ގެއްލުންވެއެވެ. އެހެންވެ އެކަން ފާހަގަކޮށްލީ މުފްތީ މެންކުފަދަ ޢިލްމްވެރިއަކު މިމައްސަލަ ފާހަގަކުރައްވާފައިވާތީއެވެ.)

ގިނަ މީހުންގެ ޙާލަތަކީ މީހަކަށް ކިތަންމެ ބޮޑު މުޞީބާތެއް ޖެހުނަސް އަޅައިލަނީ އެއީ ތިމާ ދަންނަ މީހަކު ނަމައެވެ. ނަމަވެސް އެއީ ދީނުގައި އެކަން އޮތް ގޮތެއް ނޫނެވެ.

އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުވަރު ނިކަން ދެކިބަލާށެވެ! އިސްލާމް ދީނުގައި އެންމެ މުހިންމު އަޅުކަމަކީ ނަމާދެވެ! ނަމާދުކުރުމަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭނެ ކަންތަކެވެ. އެހެންކަމާއިއެކުވެސް ނަމާދަށް ފަށަން އުޅެނިކޮށް ނަމަވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބެން އުޅޭކަން އެނގިއްޖެނަމަ މުސްލިމުންނަށް ވާޖިބުވެގެންވަނީ ނަމާދު މަޑުޖައްސާލާފައި ގޮސް އެމީހަކު އެ މުޞީބާތަކުން ސަލާމަތް ކުރަން މަސައްކަތްކުރުމެވެ.  

މިސާލަކަށް މިސްކިތަށް އަރައި ނަމާދުކުރަން ފަށަން އުޅެނިކޮށް ކަމެއް ފެނިދާނެއެވެ. ކަނު މީހަކު މަގު ހުރަސްކުރަން އުޅޭތަން ކުޑަ ދޮރަކުން ފެނިދާނެއެވެ. އެވަގުތު އެނާއަށް އެހީތެރިވެދޭނެ މީހަކު ފެންނަން ނެތް ނަމަ ނަމާދު މަޑުޖައްސައިލާށެވެ! އަވަހަށް މިސްކިތުން ފައިބައިގެން ގޮސް އެމީހާ މަގު ހުރަސްކުރަން އެހީތެރިވެދޭށެވެ. އޭނާގެ ގައިގައި ވެހިކަލަކުން ޖެހިދާނެ ކަމަށްޓަކައެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށް ދިނުމަށެވެ! އެކަން ކުރުމަށްފަހު އައިސް ނަމާދުކުރާށެވެ!   

މީހަކަށް ބޮޑު އަނިޔާއެއް ލިބިގެންއުޅޭތަން ފެނިދާނެއެވެ. އަދި އެމީހާއަކީ ތިބާގެ ކިތަންމެ ބޮޑު ހަސަދަވެރިއަކަށްވެސް ވެދާނެއެވެ. ޢަދާވާތްތެރިއަކަށްވެސް ވެދާނެއެވެ. އެފަދަ މީހަކަށް ނަމަވެސް ހާލެއްގައި ޖެހިގެން އުޅޭތަން ފެނިއްޖެނަމަ އެހީތެރިވެދޭށެވެ!

އެފަދަ އެހީތެރިކަމެއްގެ ސަބަބަބުން އެމީހާއަކީ ތިބާއަށް އެންމެ ހެޔޮ އެދޭ މިތުރު ކަމަށްވެސް ބަދަލުވެދާނެ އެވެ. އަދި ބަދަލު ނުވި ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތިބާ އޭނާއަށް އެހީތެރިވީ އެނާއަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ވީމާ ތިބާއަށްޓަކައި ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް މާމަތިވެރިއެވެ.  

 އިސްލާމް ދީނުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށާއި މިސްތަކުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ބާރުއަޅާ މިންވަރު ނިކަން ދެކިބަލާށެވެ!

މީހުންނަށް އެހީތެރިވުމުގެ މުހިންމުކަން މިހައި ބޮޑު ނަމަވެސް ބައެއް ފަހަރު މީހަކަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އަޅައިވެސް ނުލައި އެބަ ތިބެއެވެ.

ސަބަބަކަށްވެފައި އޮންނަނީ އެމީހާއަކީ މުނާފިޤެއް ކަމަށް ޤަބޫލުކުރެވުމެވެ.  އެއްވެސް މީހަކީ މުނާފިޤެއް ކަމަށް ކަނޑައެޅުމަކީ އެއްވެސް މީހަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެނީ އެއްވެސް މީހެއްގެ ހިތް ނުފެންނާނެތީއެވެ.  

މުނާފިޤުން ކަނޑައަޅުއްވަވައި އަދަބު ދެއްވެވުމަކީ މީސްތަކުންގެ ހިތަތްކުގައިވާހައި ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އެކަނި ޚާއްޞަވެގެންވާ ކަމެކެވެ. އެމީހާއަކީ މުނާފިޤެއް ކަމާއިމެދު ހިތުގައި ޝައްކު އޮތް ނަމަވެސް އެކަން ﷲ ތަޢާލާއަށް ވަކީލުކޮށް ތިބާ އެކަމާއިމެދު ކަންބޮޑުނުވާށެވެ! އެފަދަ މީހަކުވެސް ޙާލުގައި ޖެހިގެން އުޅޭތަން ފެނިއްޖެނަމަ އެހީތެރިވެދޭށެވެ! އެއިރުން ތިބާގެ ވާޖިބު އެވަނީ އަދާކުރެވިފައެވެ.

 --މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން