މައިންބަފައިން ދިން ޕޮކެޓްމަނީން އަމިއްލަ ބޭނުންތައް ނުފުއްދައި ލޯބިވެރިޔާއަށް ޚަރަދުކޮށްގެން ކިޔަވައިދިނީމަ ކައިވެނިކުރަން ކުފޫހަމަނުވާކަމަށްބުނި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
މައިންބަފައިން ދިން ޕޮކެޓްމަނީން އަމިއްލަ ބޭނުންތައް ނުފުއްދައި ލޯބިވެރިޔާއަށް ޚަރަދުކޮށްގެން ކިޔަވައިދިނީމަ ކައިވެނިކުރަން ކުފޫހަމަނުވާކަމަށްބުނި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑުވެސް މީހަކު ދެކެ ލޯބިވީމެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ އެހާތަނަވަސްބައެއް ނޫނެވެ. ލޯބިވެވުނީ އަޅުގަނޑަށްވުރެވެސް ނިކަމެތި މީހަކު ދެކެއެވެ. ލޯބިވެވުނުވަރު ބޮޑުކަމުން އޭނާގެ ބޭނުންތައް ފުއްދައިދީ ކޮލެޖްފީ ދައްކައިދީ ހެދީ އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށްދިން ޕޮކެޓްމަނީން އަޅުގަނޑުގެ ބޭނުންތައް ނުފުއްދައި ހުރެގެންނެވެ. ޔަޤީންކޮށްގެން ހުރީ ދެމީހުން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. 

ކޮލެޖްނިންމައި ދެމީހުންވެސް ވަޒިފާއަދާކުރަން ފަށައި ކައިވެނިކުރާ ވާހަކަ ދެއްކުމުން ބުނަމުން އައީ އަދި ތަންކޮޅެއް ފަހުން ކަމަށެވެ. އެގޮތަށް 2 އަހަރުވުމުން ގޮތެއް ނިންމަން ބުނުމުން ދެއްކީ އަޅުގަޏޑުގެ ހިތް ކުދިކުދިވެގެންދިއަ ވާހަކަތަކެކެވެ. އަޅުގަނޑުވީ ރަށްފުށު އަންހެނަކަށެވެ. އޭނާވީ މާލޭ ބޭފުޅަކަށެވެ. އެހެންވެ ކައިވެނިކުރަން އަޅުގަނޑު ކުފޫހަމައެއް ނުވިއެވެ.  

އަޅުގަނޑު ބުނީމެވެ. "ކަލެއަށް ކިޔެވޭނެ ގޮތެއް ނެތްއިރު ރަށްފުށެއްވެސް ނޫނެވެ. އަހުރެންގެ ފައިސާއިން ކިޔެވިއިރު ރަށްފުށެއް ނޫނެވެ. ގަނެދިން އަންނައުނު ލައި އުޅުނުއިރު ރަށްފުށެއް ނޫނެވެ. މިއަދު ރަށްފުށުވީތާއެވެ. މައްސަލައެއް ނެތެވެ. މިއީ އަހުރެންގެ ކުށުން ލިބުނު އަނިޔާއެކެވެ. ލިބުނު ދެރައެކެވެ. މިއަދަށްފަހު އަހުރެންނާއި ގުޅަން މަސައްކަތްނުކުރާށެވެ. ނަންބަރު ބުލޮކްވެސް ކުރާނަމެވެ. ކަލޭގެ މަކަރުވެރިކަމަށާ އަނިޔާވެރިކަމަށާ ދިން ދެރައަށް ގޮތް ނިންމަވާނީ ﷲ އެވެ. އަހުރެން މިދަނީއެވެ."  

ލިބުނު ދެރައިން މަހެއްހައިދުވަސްވަންދެން ނުވެސް ކައި އުޅެވުނެވެ. ގިނަވާނީ ސޭންޑްވިޗަކުން ފުއްދައިލެވުނު ދުވަސްތަކެވެ. އެހިސާބުން ހިތްވަރު ލިބެން ފަށައިފިއެވެ. ފިސާރި ވަރުގަދަ އަންހެނަކަށްވުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ފަށައިފީމެވެ.  

އަޅުގަނޑު ކިޔެވީ ޤާނޫނީ ވަކީލުކަމެވެ. ވަޒިފާއަދާކުރަމުން އައީ އަމިއްލަ ލޯފާމެއްގައެވެ. ވަޒިފާ ދޫކޮށްލައި އަމިއްލައަށް މަސައްކަތްކުރަން ފެށީމެވެ. ފުރަތަމަ މަހުވެސް ކުރިން ލިބެމުން އައި މުސާރައިގެ ދެގުނަ ލިބުނެވެ. އަހަރެއްހައިދުވަސްވީއިރު މަހަކު ލައްކައެއްހައި ރުފިޔާ ލިބެއެވެ. ގެންގުޅެނީ ރިސިޕްޝަނިސްޓެއް އެކަންޏެވެ. ހުރިހާ މަސައްކަތެއްކުރަނީ އަމިއްލައަށެވެ. 

އެއްދުވަހަކު ކްލައިންޓަކު ޙަވާލުކުރި މަކަރާ ޙީލަތުގެ މައްސަލައަކާ ޙަވާލުވެ ކޯޓަށް ހުށަހެޅީމެވެ. ކުންފުންޏަކުން ޙަވާލުކުރި މައްސަލައެކެވެ. ކުންފުންޏަށް މަކަރާހީލަތްހަދައިގެންނެވެ. ދަޢުވާ ލިބޭ ފަރާތުގެ ނަމަކަށް ނުވެސް ވިސްނަމެވެ. ދަޢުވާލިބޭ ފަރާތް އެނގުނީ ކޯޓުގައި ބައްދަލުވުމުންނެވެ. އެހިސާބުން މައްސަލަ ދޫކޮށްލަންވެސް ހިތަށްއެރިއެވެ. ޘާބިތުކަމާއެކު ކްލައިންޓުގެ ޙައްޤުގައި ވަކާލާތުނުކުރެވިދާނެކަމަށްވެސް ވިސްނުނެވެ. ނަމަވެސް ނިންމީ މައްސަލައާއިގެން ކުރިއަށްދާށެވެ.

މައްސަލައިގެ އަޑުއެހުންތައް ނިންމައި އޭނާގެ މައްޗަށް 25 އަހަރުގެ ޖަލުޙުކުމެއް އިއްވައި 3 މިލއަން ރުފިޔާ ދައްކަން ޙުކުމްކޮށް ނިމުމުން މަދަކުން ނުއިނދެވުނެވެ. ފަނޑިޔާރު ޝަރީޢަތުގެ މަޖިލިސް ނިމުނީކަމަށް އިޢުލާނުކުރުމުން ތެދުވެފައި ބުނީމެވެ. "ރަށްފުށު އަންހެނަކަށް މަކަރާ ހީލަތް ހަދާފައި އެދުވަހު ސަލާމަތްވެވުނަސް ހަމައެރަށްފުށު އަންހެނާގެ ކިބައިން މިއަދަކު ސަލާމަތެއް ނުވެވުނުތާއެވެ. ރަށްފުށަސް ހިތްވަރުގަދަ އަންހެނުން ބަލިނުކުރެވޭނެކަން އެނގިއްޖެދޯއެވެ!" އެެހން ބުނެފައި ވަރަށް ހިތްވަރާއެކު ފިސާރި ގޮތުގައި ހުރެގެން ކޯޓުން ނުކުތީއެވެ.  

ނިންމާލަމުން އަޅުގަނޑުގެ ކުށް ތަކުރާރުކޮށްލާނަމެވެ. އެއީ އަމިއްލަ ނަފުސަސްވުރެ ބޮޑަށް މީހަކުދެކެ ލޯބިވެވުނުކަމެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން