ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާ ފުރުމަށް ވަގުތީ ގޮތުން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާ ފުރުމަށް ވަގުތީ ގޮތުން ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބަންދުކޮށްފައިވާ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގެ ބައެއް، ލަފާ ފުރުމުގެ ބޭނުމަށް ވަގުތީ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުވާލައިފިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ގައު އަޅާފައިވާ ސަރަހައްދު ވަނީ އެއްކޮށް ބަންދުކޮށްފައެވެ. އެމްޓީސީސީން މިހާރު ކުރިއަށްގެންދަނީ އެ މަގު ފުޅާކޮށް، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ސަބަބުން ހެންވޭރު ފެރީ ޓާމިނަލާއި އެ ސަރަހައްދުގެ ޖެޓީތައް މީގެ ކުރިން އޮތީ ބަންދުކޮށްފައެވެ.

އެމްޓީސީސީން ބުނީ އެ ސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތުގެ ބައެއް މިހާރު ނިންމާލާފައިވާތީ، ޕޯސްޓް އޮފީހާއި ބާސެލޯ ނަސަންދުރާ ހޮޓެލް ދެމެދުގައިވާ ޖެޓީ ސަރަހައްދު ލަފާ ފުރުމަށް ވަގުތީ ގޮތުން ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދަކީ އަދިވެސް އަމަލީ މަސައްކަތް ހިނގަމުންދާ ތަނަކަށް ވާތީ، ދުއްވާ އުޅަނދުފަހަރަށާއި އާންމު ދަތުރުފަތުރަށް މަގުގެ އެ ބައި އަދިވެސް އޮންނާނީ ބަންދުކޮށްފައެވެ.

ކަނޑައެޅިފައިވާ ސަރަހައްދު ފެރީތަކަށް ހުޅުވާލި ނަމަވެސް، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މަސައްކަތް ހިނގަމުންދާ ސަރަހައްދަކަށް ވާތީ ސަމާލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ. މި މަޝްރޫޢަކީ މާލޭގެ އިރުމަތީ ފަރާތުގެ މަގުތައް ތަރުތީބުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން