ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ އޮޕަރޭޝަނުގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން އަޙްމަދު އާސިފް ގެއްލިފައިވާކަން ފާހަގަކުރެވުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާ ގެއްލުނުކަން ސަމާލުކަމަށް އައުމާއެކު، ފުލުހުން ވަނީ ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން އާސިފް ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. އޭނާ ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަތިވެރި ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، އާސިފް އެ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. ނަމަވެސް އޭނާ ނިޔާވި ސީދާ ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ނަފްސާނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފުލުހުންގެ މުއައްސަސާއިން ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ފާޅުކޮށްފައެވެ.