މަޤާމުގެ ވާޖިބު އަދާކުރަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ. މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، އެ ޢާއިލާއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.