1.6 މިލިޔަން މީހުން އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދާފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
1.6 މިލިޔަން މީހުން އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދާފައިފި

ރާއްޖޭގައި ދެމުންގެންދާ އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިފަހުން މިހާތަނަށް 1.6 މިލިޔަން މީހުން އެ ޚިދުމަތް ހޯދާފައިވާކަމަށް އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބޮޑު ބަދަލަކަށް ވާއިރު، މި ޚިދުމަތް ފެށިތާ މިހާރު ވަނީ 4 އަހަރު ވެފައެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު އިބްރާހިމް ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ދަތުރުފަތުރުގެ ނިޒާމުގެ ތަފާސްހިސާބުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 1.6 މިލިއަން މީހުން މި ޚިދުމަތް ބޭނުންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވަރަށް ރަނގަޅަށް ސްޓެޓިސްޓިކް ބަލަހައްޓަން އާރްޓީއެލްގެ ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތުތަކާ އަދަދުތަކާ ކޮން ޒޯން ތަކަކުން ތޯ އެންމެ ގިނައިން ދަތުރުކުރަނީ އަދި ދަތުރު ކުރާ ޕެޓާން ތައް ވަރަށް ރަނގަޅަށް ބަލަން،" ޔާސިރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވޭތިވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި އަދަދަށް މީހުން ޚިދުމަތް ހޯދުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އާރްޓީއެލްގެ ޚިދުމަތް މިހާރު މައިގަނޑު ދެ ދާއިރާއަކުން ފޯރުކޮށްދެމުންދެއެވެ. އެއީ އަތޮޅުތަކުގެ ތެރޭގައި ދެވޭ ހައި ސްޕީޑް ފެރީގެ ޚިދުމަތާއި، މާލެ ސަރަހައްދާއި ބައެއް އަތޮޅުތަކުގައި ދެމުންދާ ބަހުގެ ޚިދުމަތެވެ. މި ނިޒާމުގެ ސަބަބުން ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވެއެވެ.

ސަރުކާރުން އަންނަނީ އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއް މި ނިޒާމުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދަތުރުވެރިންގެ ބޭނުންތަކާއި ދަތުރުކުރާ މިންވަރަށް ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން