ހައްޖުގެ މުގައްދަސް އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ހައްޖުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ކްލިނިކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، ޚިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައި މިހާރު އެ ކްލިނިކުން ޚިދުމަތް ލިބޭނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކަމަށެވެ. މި ފްލޫ ކްލިނިކް ގާއިމުކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރު ކައިރިން ވާތްފަރާތުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އިއްޔެގެ ވަގުތުތަކުގައިވެސް ޑޮކްޓަރަށް ދެއްކުމަށްޓަކައި ގިނަ ބަޔަކު ކިއޫގައި ތިބިކަން އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.
ހޮސްޕިޓަލުން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކްލިނިކް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރަން ނިންމެވީ ކަމަށެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. ހައްޖުވެރިން ރާއްޖެ އައުމަށްފަހު ރޯގާގެ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.