މޫދު އަޑިން ފުލުސް އޮފިސަރު ނެގުމުގައި އެހީތެރިވި ޑައިވަރުންނަށް ޝުކުރު އަދާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މޫދު އަޑިން ފުލުސް އޮފިސަރު ނެގުމުގައި އެހީތެރިވި ޑައިވަރުންނަށް ޝުކުރު އަދާކޮށްފި

ޑިއުޓީގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުންނަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

މި އޮޕަރޭޝަނުގައި އެހީތެރިވެދެއްވާފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ. މި ދެ ޑައިވަރުންނަކީ، 2026 ޖޫން 11 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ފުލުހުންގެ ލޯންޗު 57 ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުހަކު ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަރ ކުރަން ކުރެވުނު މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ ބޭފުޅުންނެވެ.

މިނިސްޓަރާއި ކޮމިޝަނަރ މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިވެދެއްވި ކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

މިއަދު އޮންލައިން